ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމުން އަޒްމީން ވަކިކޮށްފި

ކްލަބު ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކުރި ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން --

ކްލަބު ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމުން އަބްދުﷲ އަޒްމީން ވަކިކުރުމަށް އެ ކްލަބުގެ ބޯޑުން ނިންމައިފިއެވެ.

ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަޒްމީން، ވެލެންސިއާގެ ޗެއާމަންކަމަށް އައްޔަންކުރިތާ އަދި މާ ގިނަ ދުވަސްތަކެއް ވެފައިނުވާއިރު، އޭނާ މަގާމުން ވަކިކޮށްފައި މިވަނީ އެފްއޭއެމްގެ އިންތިހާބަށް ދޫކުރި ތާއީދު ސިޓީތަކުގެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ވެލެންސިއާގެ ބޯޑުން އަޒްމީންގެ އިތުބާރު ނެތްކަން އިއުލާންކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކްލަބުގެ ބޯޑު މެންބަރު ހަސަން ވަހީދު ވިދާޅުވީ މިދިޔަ މަހުގެ 26ގައި ވަޓްސްއެޕް މެދުވެރިކޮށް އަޒްމީން އިސްތިއުފާގެ ސިޓީއެއް ފޮނުވުމުން, ކްލަބުގެ މެއިލްއަށް އެ ސިޓީ ފޯވަޑް ކުރި ނަމަވެސް، އެ މެއިލްގެ ޕާސްވޯޑު އޮންނަނީ އަޒްމީންގެ އަތުގައިކަމުން، އެ ހޯދޭނެ ގޮތް ވެފައިނުވާ ކަމަށެވެ.

އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވައި، ދެ ކެންޑިޑޭޓުންގެ ތެރެއިން ވެލެންސިއާ އިން ތާއީދުކުރަނީ މުފާވިޒް ހާޝިމް (މުފާ)އަށް ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

ވެލެންސިއާ އިން ބުނީ އަޒްމީންގެ އިތުބާރު ނެތްކަމަށް ކްލަބުގެ ބޯޑުން ނިންމީ، އިންތިހާބުގައި ދެން ވާދަކުރައްވާ އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް) އަތުން ފައިސާ ނަގައިފައިވާކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ.

އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ވެސް ވެލެންސިއާއިން ތާއީދު ސިޓީ ދީފައިވާތީ، ފީފާ އާއި އޭއެފްސީގެ ލަފަޔަކަށް އެފްއޭއެމުން ވަނީ އެދިފައެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އަދި ގޮތެއް ނިންމިފައެއް ނުވެއެވެ.

އެ މައްސަލައިގައި ޓޮމްއަށް ދީފައިވާ ވެލެންސިއާގެ ސިޓީ ބަލައިނުގަންނަން ނިންމައިފި ނަމަ، އޭނާގެ ފޯމު ބަލައެއް ނުގަނެވޭނެއެވެ. އެއީ އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން އިންތިހާބުގައި ވާދަކުރުމަށް މަދުވެގެން ތިން ކްލަބެއްގެ ތާއީދު ބޭނުންވާނެތީއެވެ. ވެލެންސިއާގެ ސިޓީއާއެކު ޓޮމް ފޯމު ހުށަހެޅުއްވީ ތިން ކްލަބެއްގެ ތާއީދާއެކުއެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މިހާރު ވެސް ހުންނެވި މުފާ، އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ވެލެންސިއާ ހިމެނޭގޮތަށް ހަ ކްލަބެއްގެ ތާއީދާއެކުއެވެ.

comment ކޮމެންޓް