ފުރައްސާރަކުރާތީ، ރާއްޖެ ނުދާން އަކްޝޭ ގޮވާލައިފި

އިންޑިއާގެ މަޝްހޫރު އެކްޓަރު އަކްޝޭ: އޭނާ ވަނީ ރާއްޖެ ނުދާން ގޮވާލާފައި -- ފޮޓޯ/ ޓެލެގްރާފް

ދިވެހި ސަރުކާރުގެ ބައެއް އިސްވެރިން އިންޑިއާއާ މެދު ނަފުރަތު އުފައްދައި، ފުރައްސާރައިގެ ބަސްތައް ރައްދުކުރާ ކަމަށް ބުނެ، ރާއްޖެއަށް މީހުން ނުދިޔުމަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު މިއަދު ގޮވާލައިފިއެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިބި ބައެއް މީހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފާޑުކިޔައި، ކުޑައިމީސްކުރުމުން ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ މައްސަލަ ބޮޑުވެ، ދިވެހި ސަރުކާރުން ވަނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައެވެ.

އިންޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަކްޝޭ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމާ ދޭތެރޭ އެފަދަ މޭރުމަކުން ވާހަކަދައްކާތީ ހައިރާންވާ ކަމަށެވެ. އެ މީހުން އަބަދު ވެސް އަވަށްޓެރިންނަށް ވީތީ، ރާއްޖެއަށް ރަނގަޅަށް ކަންތައް ކޮށްދޭ ކަމަށެވެ.

"މިފަދަ ނަފުރަތު ތަޙައްމަލުކުރަންވީ ކީއްވެ؟ އެތައް ފަހަރަކު ރާއްޖެއަށް ޒިޔާރަތްކޮށްފައި، އަބަދު ވެސް ތައުރީފު ކުރިން. އެކަމަކު، ކަރާމާތް ފުރަތަމަ،" އަކްޝޭ ބުންޏެވެ.

އެހެންވެ، އަކްޝޭ ވަނީ އިންޑިއާ މީހުން، އެ ގައުމުގެ ފަތުރުވެރިކަމަށް ސަޕޯޓުކުރަން ގޮވާލައިފައެވެ.

ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އިންޑިއާއާއި އެ ގައުމުގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކޮށް ޕޯސްޓުކުރުމުން ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެ މައްސަލަ ބޮޑުވެފައި އޮއްވައި ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިއާގައި ހާމަކޮށްފައި އެވަނީ ސަރުކާރުގެ ރަސްމީ ސިޔާސަތު ނޫން ކަމަށެވެ. އަދި، އެއީ އެ ބޭބޭފުޅުންގެ އަމިއްލަ ހިޔާލާއި ވިސްނުންފުޅު ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނީ، ދޭދޭ ގައުމުތަކާ އެކު އޮންނަ ގާތް ގުޅުމަށް ބުރޫނާރައި ފަދަ ގޮތަކަށް، ނަފުރަތާއި ރުޅިވެރިކަން ވެސް ނުފެތުރޭ ފަަދަ ހަމަތަކުގެ ތެރޭގައި ކަމަށެވެ.

"އެފަދަ ފުރައްސާރައިގެ ބަސްތައް ރައްދުކުރާ ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކުން ފަސްނުޖެހޭކަމުގެ ޔަގީންކަން އަރުވަން،" ބަޔާނުގައި ވެއެވެ.

https://sun.mv/187057

އިންޑިއާގެ ބޮޑުވަޒީރަށް ކުޑައިމީސްކުރި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއާއި އަދި، ނިމުނު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ވެސް ވަނީ އެ މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައިފައެވެ.

ރާއްޖެއާއި އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ލަކްޝަދުވީޕާ އަޅައިބަލައި، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދާދި ފަހުން ލަކްޝަދުވީޕަށް ވަޑައިގެންނެވިކަން އެކްސްގައި ހާމަކުރެއްވި ފަހުންނެވެ.

މޯދީގެ ސަރުކާރަށް ތާއިދުކުރާ އެކައުންޓުތަކުން ވަނީ، އެއީ އިންޑިއާގެ ފަތުރުވެރިން ރާއްޖޭގެ ބަދަލުގައި ލަކްޝަދުވީޕްއަށް ދިޔުމަށް ބޮޑުވަޒީރު ގޮވާލެއްވުމުގެ ގޮތުގައި ސިފަކޮށްފައެވެ. އަދި، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ކަމަށް ބައެއް މީހުން ލަފާކޮށްފައިވެއެވެ.

https://sun.mv/187042

އެ ކެމްޕެއިން ގުޅުވާފައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަށް ގޮވާލައި ކުރިއަށްގެންދިޔަ 'އިންޑިއާ އައުޓް' ހަރަކާތާއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެ ހަރަކާތުގެ މަގުސަދު ފުއްދަވައި، އިންޑިއާ ސިފައިން ފޮނުވާލާނެ ކަމުގެ ރިޔާސީ ވައުދުފުޅާ އެކުގައެވެ. މި ސަރުކާރުން ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެ ގައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް އިންޑިއާއިންނެވެ. އެއީ ޖުމްލަ 209،198 ފަތުރުވެރިންނެވެ.

comment ކޮމެންޓް