އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ޗެލްސީ ޖާގަ ހޯދައިފި

ޗެލްސީގެ ފުރަތަމަ ލަނޑު ޖަހައިދިން ބްރޯހާ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ -- ފޮޓޯ/ ދި ޓެލެގްރާފް

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ޗެލްސީ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ހަތަރުވަނަ ބުރުން ޗެލްސީން ޖާގަ ހޯދީ ތިންވަނަ ބުރުގައި ޗެމްޕިއަންޝިޕަށް ނިސްބަތްވާ ޕްރެސްޓަން ނޯތު އެންޑާ ބައްދަލުކުރި މެޗު 4-0 އިން ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ވެގެންދިޔައީ ޗެލްސީއަށް އެހާ ރަނގަޅު ހާފަކަށް ނޫނެވެ. އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޕްރެސްޓަންއިން ޑިފެންޑު ކުރަމުން ދިޔަލެއް ވަރުގަދަކަމުން ޗެލްސީއަށް ފުރަތަމަ ހާފުގައި އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މި ހާފުގައި ޕްރެސްޓަންއިން ޑިފެންޑް ކުރުމުގެ އިތުރުން ލިބޭ ފުރުސަތުތަކުގައި އަރައި ޗެލްސީގެ ގޯލަށް ނުރައްކާ ވެސް ކޮށްފައިވެއެވެ.

ދެވަނަ ހާފުގައި ޗެލްސީ ކޮޅަށް އޮއެވަރު ބަދަލުވެގެންދިޔައީ މެޗުގެ 58 ވަނަ މިނެޓުގައި އާމަންޑޯ ބްރޯހާ ޖެހި ލަނޑާ އެކުއެވެ. މި ލަނޑާ އެކު ޕްރެސްޓަންގެ ގޯލު ހުޅުވިގެންދިޔަކަހަލައެވެ. މި ލަނޑު ޖެހިތާ އަށް މިނެޓު ފަހުން ޗެލްސީން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ލިބުނު ކޯނަރަކުން ކާމިޔާބު ކޮށްދިނީ ތަޖުރިބާ ކާރު ޑިފެންޑާ ތިއާގޯ ސިލްވާއެވެ. އޭގެ ތިން މިނެޓު ފަހުން ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިންއެވެ.

މެޗުގައި ޗެލްސީގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދިނީ އެންޒޯ ފެނާންޑޭޒެވެ. މި ލަނޑު އެންމެ ފުރަތަމަ އެސިސްޓަންޓް ރެފްރީ އޮފް ސައިޑް ކަމަށް ދެއްކި ނަމަވެސް ވިއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވަނީ ސައިޑް ނުވާކަމަށް ނިންމައިފައެވެ. މި ހާފުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ޕްރެސްޓަންއަށް މާ ބޮޑުކަމެއް ކުރެވޭގޮތެއް ނުވިއެވެ.

މި ނަތީޖާއާ އެކު، ޗެލްސީ މިހާރު ވަނީ އެފް އޭ ކަޕްގެ ހަތަރުވަނަ ބުރުން ޖާގަލިބިގެން ގޮސްފައެވެ.

comment ކޮމެންޓް