އެކަކަށް ވުރެ ގިނަ މީހުންނަށް ޕާޓީ އުފެއްދޭގޮތް ހަދައިފި

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ބޯޑު މެންބަރުން -- އިންފިނިޓް މޯމެންޓްސް/ މުހައްމަދު މާވީ

އެކަކަށް ވުރެ ގިނަ މީހުންނަށް ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދެވޭނެ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ކުރިން އޮތް ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދައަށް އެދެވޭނީ އެންމެ މީހަކަށެވެ.

އީސިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އަލަށް ސިޔާސީ ޕާޓީއެއް އުފައްދަން އެންމެ މީހަކަށް އެދެވޭތީ އެކަމާ ގުޅިގެން އެ ކޮމިޝަނުގައި ތަކުރާރުކޮށް އެކަން ބަދަލުކުރުމަށް އެދެމުންދާ ކަމަށެވެ.

އަދި، އެކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުން ވެސް އެ ހުށަހެޅުން މީގެ ކުރިން ހުށަހަޅާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތުން އެ ބަދަލު ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގެނައުމަށް ނިންމީ ކަމަށް ހަބީބު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވާހަކަދައްކަވަނީ-- ސަން ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުހައްމަދު މާވީ

"އެ ބަދަލަކީ ސިޔާސީ ޕާޓީއެއް އަލަށް އުފައްދާއިރު އެކަކަށް ވުރެ ގިނަ މީހުންނަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދެވޭނެ ގޮތަށް ބަދަލު ގެނައުން،" ހަބީބު ވިދާޅުވިއެވެ.

"މީގެ އިތުރުން ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފުތަރު ސިމަދަ ޕޯޓަލުން، އަލަށް ސިޔާސީ ޕާޓީ އުފައްދާ ފަރާތަށް އެކަމުގެ ހުއްދަ ދެވޭގޮތަށް އަޅުގަނޑުމެން ގަވާއިދަށް މިވަނީ ބަދަލު ގެނެސްފައި،"

ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނާ ގޮތުން ނަމަ ޕާޓީއެއް އުފެއްދޭނީ އީސީގައި ރެޖިސްޓާ ކުރުމަށް ފަހުއެވެ. އަދި، ޕާޓީ އުފައްދަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަ ފޯމެއް ފުރުމަށް ފަހު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދެވޭނެއެވެ.

ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން، ޕާޓީ އުފެއްދޭނީ 3،000 މެންބަރުންގެ ސޮޔާއެކު ފޯމު އީސީއަށް ހުށަހެޅުމުންނެވެ.

މި ވަގުތު އީސީގެ ދަފުތަރުގައި އޮތީ ޕީއެންސީ، އެމްޑީޕީ، ޕީޕީއެމް، ދަ ޑިމޮކްރެޓްސް، ޖޭޕީ، އެމްއެންޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީއެވެ.

comment ކޮމެންޓް