މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޖަލު ބަންދުކޮށްފި

ބޮޑުތަކުރުފާނު މަގުގައި ހުރި މާލޭ ޖަލު ބަންދުކޮށް އެތާގައި ތިބި ގައިދީން މިހާރު ވަނީ އެހެން ޖަލުތަކަށް ބަދަލުކޮށްފަ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ބޮޑު ތަކުރުފާނު މަގުގައި ހުންނަ ޖަލު މިއަދު ބަންދުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެކަން އިއުލާނު ކޮށްފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަރުކާރުގެ ޕޮލިސީ ތަކާ އެއްގޮތަށް މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޖަލު ބަންދުކޮށް، އެ ޖަލުގައި ތިބި ގައިދިން މިހާރު އެހެން ޖަލު ތަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މި ޖަލު ބަދަލު ކުރަން ނިންމި އެ ޖަލާ އިންވެގެން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އެ ތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރު ކުރަމުން އަންނާތީއެެވެ.

މީގެ އިތުރަށް އެ ނޫސް ބަޔާނުގައި ވަނީ، މާލޭ ޖަލު ބަންދުކުރުމާއި އެކު، އާންމުންނަށް ފޯރުކޮށްދެމުން އައި ޚިދުމަތްތައް އެތަނުން ލިބޭނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މާލެ ގެންނަ ގައިދީން ބެއިތިއްބުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަނީ ދަލާނާ އިންވެގެން އޮންނަ ކަރެކްޝަންސްގެ އިމާރާތުގައެވެ.

މީގެ ކުރިން ހޯމް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ކަރެކްޝަނަލް ސާވިސްގެ އޭސީޕީ މުހައްމަދު އާސިފް ވަނީ ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން މާލޭގެ ޖަލު ބަންދު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާލުވެފައެވެ.

އަދި އެއީ އޭރު އެންމެ އިސްކަމެއްދީގެން އެ އިދާރާއިން ކުރަމުން އައި މަސައްކަތްކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

އެގޮތުން މާފުށީ ޖަލުގެ ބައެއް ޔުނިޓުތަކުގައި ތިބި ގައިދީންނަށް ބަދަލު ގެނެސް މާފުށީ ޖަލުން އިތުރު ޖާގަ ހެދުމަށްފަހު، އައްސޭރި ޖަލުން އިތުރު ޖާގަ ހަދާ، މާލޭ ޖަލުގައި ތިބި ބައެއް ގައިދީން އެހެން ޖަލުތަކަށް ބަދަލު ކޮށްފައިވާކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

މާލޭ ޖަލު ހުޅުވައި ބޭނުން ކުރަން ފަށާފައިވަނީ 17 ޖެނުއަރީ 2008 ވަނަ އަހަރުއެވެ.

comment ކޮމެންޓް