ކުޅުދުއްފުށީ އެއާޕޯޓު ތަރައްގީ ކުރަން ބަޔަކު ހޯދަނީ

ކުޅުދުއްފުށި އެއާޕޯޓު---ފޮޓޯ/ކުޅުދުއްފުށި އެއާޕޯޓު

ކުޅުދުއްފުށީ ސިޓީ އެއާޕޯޓްގެ ފަސިންޖަރުންގެ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް ކުންފުނިން އިއުލާނުކޮށްފިއެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސްއިން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނެއްގައި ވަނީ އެ ކުންފުނިން ދޭ ކޮންސެޕްޓު ކުރެހުމާ އެއްގޮތަށް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ކުންފުނިތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ މަގުޞަދަކީ ފަސިންޖަރުންގެ ޢަދަދު އިތުރުވަމުންދާތީ، އޮޕަރޭޝަނަލް އެފިޝަންސީ ރަނގަޅުކުރުމާއި، ލޯކަލް އަދި އިންޓަނޭޝަނަލް އޭވިއޭޝަން ގަވާއިދުތަކާއި މިންގަނޑުތަކަށް އެ އެއާޕޯޓް ފެއްތުން ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުންޏެވެ.

މި ތަރައްގީގެ މަޝްރޫއުގެ ދަށުން 11،345 އަކަފޫޓުގެ އާ ސިންގަލް ސްޓޯރީ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރުމާއި، 11،657 އަކަފޫޓުގެ ޕެސެންޖާ ޓާމިނަލް ސަރަހައްދު ޝޭޑިން ކުރުމާއި، މިހާރު ހުރި ފެސިލިޓީތަކަށް ސްޓްރަކްޗަރަލް ބަދަލުތައް ގެނައުން ހިމެނެއެވެ.

މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތަކީ މި ސަރުކާރުގެ ހަފުތާ 14ގެ މަގުޗާޓުގައި ވެސް ހިމެނޭ ކަމެކެވެ.

comment ކޮމެންޓް