މޮސާޑާ ގުޅުން އޮންނަ 15 މީހުން ތުރުކީން ހައްޔަރުކޮށްފި

ތުރުކީވިލާތުގެ ފުލުހުންގެ ސްޕެޝަލް ފޯސް ޔުނިޓުން ހަރަކާތްތެރިވަނީ. ފޮޓޯ/އަނަދޮލް ނޫސް

އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ 15 މީހަކު ހައްޔަރުކުރުމަށް ތުރުކީވިލާތުގެ ކޯޓަކުން އަމުރުކޮށްފިއެވެ.

އެ މީހުންނަކީ ތުރުކީވިލާތުގައި ދިރިއުޅޭ ޕަލަސްޠީނު މީހުންނަށް އަމާޒުކޮށް ހަރަކާތްތައް ހިންގާ ބައެއް ކަމަށްވެސް އެ ކޯޓުން ބުނެއެވެ.

ތުރުކީވިލާތުގެ ދައުލަތުގެ މީޑިއާ ޓީއާރުޓީ ހާބާއިން ރިޕޯޓުކޮށްފައިވާ ގޮތުން އެ 15 މީހުންނާމެދު ކޯޓުން އަދި ގޮތެއް ކަނޑައެއް ނާޅައެވެ.

މޮސާޑަށް ޖާސޫސް ކޮށްދިނުމުގެ ތުޙުމަތުގައި 33 މީހަކު މި މަހުގެ ދެ ވަނަ ދުވަހު ވެސް ތުރުކީވިލާތުން ވަނީ ހައްޔަރުކޮށްފައެވެ.

މޮސާޑުގެ ޖާސޫސުންގެ 33 މީހުން ހައްޔަރު ކޮށްފައި ވަނީ ތުރުކީވިލާތުގެ ކަމާ ގުޅޭ އިދާރާތަކުން ހިންގި ހާއްސަ އަސްކަރީ ހަރަކާތެއްގައެވެ. ނަމަވެސް، އެއީ ކޮން ޤައުމަކަށް ނިސްބަތްވާ ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތަކީ ޓެރެރިސްޓުންގެ ގޮތުގައި ހުޅަނގުގެ ގައުމުތަކުގެ އިތުރުން ބައެއް ޢަރަބި ޤައުމުތަކުން ދެކުނު ނަމަވެސް، ތުރުކީވިލާތުން ދެކޭ ގޮތުގައި އެއީ ޓެރަރިސްޓު ޖަމާއަތެއް ނޫނެވެ.

ތުރުކވިލާތަކީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސަނީ އުދުވާނާ ދެކޮޅަށް ފާޅުގައި ފާޑުކިޔަމުންދާ ގައުމެކެވެ. ތުރުކީވިލާތުން ދަނީ ޔަހޫދީންގެ އުދުވާން ހުއްޓައިލަން ގޮވައިލާ، ފަލަސްތީނުގެ މުސްލިމުންގެ ހައްގުތައް ހިމާޔަތް ކޮށްދޭންވެސް އަޑުއުފުލަމުންނެވެ.

comment ކޮމެންޓް