ރޯހިތުގެ 'އިންޑިއަން ޕޮލިސް ފޯސް' ވަރަށް ވެސް ޝައުގުވެރި

މި މަހުގެ 19ވަނަ ދުވަހު އެމޭޒަން ޕްރައިމްގައި ރިލީޒް ކުރާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ވަރަށް ވަރުގަދަ ތަޅާ ފޮޅުންތަކާ އެކު ޓެރަރިޒަމްގެ ހަމަލާ ތަކެއް ހިންގާ ބަޔަކު އަތުލުމަށް އިންޑިއާގެ ޕޮލިސް ފޯސްއިން ހިންގާ ވަރުގަދަ އޮޕަރޭޝަންތަކެއް މި ޓްރެއިލާއިން ދައްކުވައިދެއެވެ.

ރޯހިތު ޝެޓީގެ އަމިއްލަ ފިލްމު ކުންފުނި ރޯހިތު ޝެޓީ ޕިކްޗާސް އާއި ރިލަޔަންސް އެންޓަޓެއިންމަންޓު ގުޅިގެން ގެނެސްދޭ މި ސީރީސް އަކީ ކުޅަދާނަ ޕްރޮޑިއުސަރުގެ ފުރަތަމަ ވެބް ސީރީސްއެވެ.

މި ވެބް ސީރީސްގެ ލީޑް ތަރިންގެ ތެރޭ ޝިލްޕާ ޝެޓީ، ވިވެކް އޮބްރޯއި އަދި ސިދާތު މަލްހޯތުރާ ހިމެނޭއިރު ޓީވީ ތަރި ޝްވޭތާ ތިވާރީގެ އިތުރުން އިޝާ ތަލްވާރު އަދި ނިކިތިން ދީރު ފަދަ ތަރިން ވަރަށް ހާއްސަ ރޯލް ތަކުން ފެންނާނެއެވެ.

ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާތަކަކުން ރައްޔިތުން ސަލާމަތް ކުރުމަށް މުމްބާއީގެ ޕޮލިސް ފޯސްއާ ޓެރަރިޒަމްގެ ޖަމާއަތަކާ ދެމެދު ބޮޑެތި ކުރިމަތިލުން ތަކެއް ހިނގާ މި ވެބް ސީރީސްއިން ވިލެންގެ ރޯލްއިން ފެންނާނީ ކުޅަދާނަ އެކްޓަރު ޝަރަދް ކެލްކަރުއެވެ. ޝަރަދު ކެލްކަރަކީ ވެސް ޓީވީ ސީރީސް ތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދުމަށް ފަހު ވަރަށް ގިނަ ފިލްމު ތަކުން ފެންނަމުން އަންނަ އެކްޓަރެކެވެ.

ވެބް ސީރީސް"އިންޑިއަން ޕޮލިސް ފޯސް"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޓަނެޓް

ބަތަލާ ޝިލްޕާ ޝެޓީ ފުލުހެއްގެ ރޯލް ކުޅެފައިވާ މި ސީރީސް އަކީ ޝިލްޕާގެ އަލަތު ވެބް ސީރީސްއެވެ. މިއީ 2021ވަނަ އަހަރު ފިލްމީ ދާއިރާއަށް އެނބުރި އައިކަން ރަސްމީ ކޮށް އިއުލާނު ކުރުމަށް ފަހު ޝިލްޕާ ބެލުންތެރިންނާ ބައްދަލު ކުރާނެ ފަސް ވަނަ ޕްރޮޖެކްޓެވެ. މި ވެބް ސީރީސްއަށް ފަހު ރޯހިތު ޝެޓީގެ ކާމިޔާބު ފްރެންޗައިސް "ސިންގްހަމް3" މި އަހަރުގެ އޮގަސްޓް މަހު 30ގައި ރިލީޒް ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

comment ކޮމެންޓް