ފަހު ވަގުތު، ގުންޑޮގާން ޖަހައިދިން ޕެނަލްޓީން ބާސާ މޮޅުވެއްޖެ

ގުންޑޮގާން ޕެނަލްޓީ ކާމިޔާބު ކުރުމުން ބާސާގެ ކުޅުންތެރިން އުފާފާޅު ކުރަނީ -- ފޮޓޯ/ ބާސާ ބްލައުގްރަނޭސް

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފް ސީ ބާސެލޯނާއިން ލާސް ޕާލްމާސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ލާސް ޕާލްމާސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި 2-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުކުރީ ލާސް ޕާލްމާސްގެއެވެ.

މިގޮތުން ލާސް ޕާލްމާސްއިން ވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކުރިން ބާސާއަށް ކުޅެފައިވާ މުނީރު އެލް ހަދައިފީއެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަ ނަމަވެސް ފުރަތަމަ ހާފު ނިިމިގެންދިޔައީ އިތުރު ލަނޑެއް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ކާމިޔާބު ނުކުރެވިއެވެ.

މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 55 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފެރާން ޓޯރޭޒެވެ. މި ލަނޑާ އެކު މި މެޗުން މޮޅުވުމަށް ބާސާއިން ކުރަމުންދިޔަ މަސައްކަތް އިތުރު ކުރިތަން ފެނިގެންދިޔައިރު ލާސް ޕާލްމާސްއިން ވެސް ދިޔައީ ލިބޭ ފުރުސަތު ތަކުގައި ހަމަލާ އުފައްދަމުންނެވެ. ނަމަވެސް ވަގުތު ހަމަވެ، އިތުރު ވަގުތު ދެއްކިއިރު ވެސް ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

އެހެން އޮއްވައި ލާސް ޕާލްމާސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޑެލީ ސިންކްގްރަވެން ކުރި ފައުލަކާ ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި، ބާސާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދީ މެޗުން ބާސާ މޮޅުވި ލަނޑު ޖަހައިދިނީ އިލްކައި ގުންޑޮގާންއެވެ.

މި މޮޅާ އެކު ބާސާއިން މިހާރު ވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 41 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި، ކުރިން ތިން ވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑް ވަނީ ތާވަލުގެ ފަސްވަނައަށް ފަހަތަށް ވެއްޓިފައެވެ. މެޗުން ބަލިވި ލާސް ޕާލްމާސް އޮތީ 25 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައެވެ.

comment ކޮމެންޓް