މާލޭގެ ބައެއް ތަންތާ ޕާކުނުކުރާން އެދިއްޖެ

މާލޭގެ މަގުމަތީ ފުލުހުން: ޕާކުކުރުން މަނާ ސަރަހައްދުގައި ޕާކުކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް ސަރަހައްދުތަކުގައި ޕާކުކުރުން މަނާކޮށް، އެކަމާ ޚީލާފުވާނަމަ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ ގްރީން ޒޯން ސަރަހައްދާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދާއި އަދި ބޮޑު ތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިން ޒޯނުތައް ފިޔަވައި އެ ނޫން ސަރަހައްދު ތަކުގައި ޕާކު ނުކުރުމަށް ބުނެފައެވެ.

އަދި، މާލޭގެ ބާރު ބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރުމަށް ވެސް ފުލުހުން ވަނީ އަންގައިފައެވެ.

އެ ސަރަހައްދު ތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާނެހެން އުޅަނދު ބަހައްޓައިފައި ހުންނަ ނަމަ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅައި، އެ އުޅަނދުތަކުގައި ސްޓިކާ ޖަހައި، ޓޯ ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މި ނިންމުން ނިންމައިފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ސެންޓްރަލް ޕޮލިސިން ކޮމާންޑާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑު އަދި ޑުރަގު އެންފޯސްމަންޓުގެ ސީނިއާ ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޓްރެފިކް ބެލެހެއްޓުން ހަރުދަނާ ކުރުމަށާއި، މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ނިންމި ނިންމުމަކާ ގުޅިގެންނެވެ.

comment ކޮމެންޓް