ދެކުނު ކޮރެއާގެ އޮފިސަރަކު ޔޫއޭއީގެ އަސްކަރީ މަރުކަޒެއްގައި މަރުވެފައި އޮއްވައި ފެނިއްޖެ

"އަޚް" ޔުނިޓްގެ މެމްބަރުންތަކެއް: ޔޫއޭއީގައި ހުރި ދެކުނު ކޮރެއާގެ 24 އަހަރުގެ އޮފިސަރަކު ވަނީ މަރުވެފައި -- ފޮޓޯ/ ޖޮއިންޓް ޗީފްސް އޮފް ސްޓާފް

އަރަބި އެކުވެރި އިމާރާތް (ޔޫއޭއީ)ގައި ހުންނަ އަސްކަރީ މަރުކަޒެއްގައި ދެކުނު ކޮރެއާގެ އޮފިސަރަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ދެކުނު ކޮރެއާގެ ނޫހެއް ކަމަށްވާ ޔޮންހަޕް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި 24 އަހަރުގެ އެ އޮފިސަރު ފުރަތަމަ ފެނުނީ ހޭނެތިފައި އޮއްވައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔުމުން އޭނާ މަރުވެފައި އޮތްކަމަށް ޑޮކްޓަރުން ބުނި ކަމަށް އެ ނޫހުގައިވެއެވެ.

މަރުވި ހަނގުރާމައަށް ޚާއްސަ އޮފިސަރެކެވެ. ޔޫއޭއީއަށް އޭނާ ފޮނުވައިލައިފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުއެވެ. އޭނާއަކީ 2011 ވަނަ އަހަރު ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި އުފެއްދި "އަޚް" ޔުނިޓްގެ މެމްބަރެކެވެ. އޭނާ ހަރަކާތްތެރިވެފައި ވަނީ ޔޫއޭއީގެ ސިފައިން ތަމްރީނު ކުރުމާއި ޔޫއޭއީގައި ދިރިއުޅޭ ދެކުނު ކޮރެއާގެ ރައްޔިތުން ރައްކާތެރިކުރުމުގައެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ހުންނަ މެޓްރޯޕޯލިއަން ޕޮލިސް އޭޖެންސީގެ ފުލުހުން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށްވެސް ޔޮންހަޕް ނޫހުން ރިޕޯޓުކުރެއެވެ.

ދެކުނު ކޮރެއާއާއި ޔޫއޭއީއިން ސިޔާސީ ގުޅުން ގާއިމުކުރިތާ މިހާރު 43 އަހަރު ވެއްޖެއެވެ. ޔޫއޭއީގައި ގާއިމުކޮށްފައިވާ ދެކުނު ކޮރެއާގެ އަސްކަރީ މަރުކަޒަކީ އެ ގުޅުމުގެ ރަމްޒެކެވެ.

ޔޫއޭއީ ހިމެނޭ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ވަނީ ދެކުނު ކޮރެއާއެކު މިދިޔަ ޑިސެމްބަރު މަހު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.

comment ކޮމެންޓް