އައިޖީއެމްއެޗުން މެޑިކަލް ޗެކަޕް ހެދުމަށް 200 މީހުން އެދިއްޖެ

މިހާރު 50 އަހަރުން މަތީގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ -- ފޮޓޯ/ އައިޖީއެމްއެޗް

ސަރުކާރުން ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ސިޔާސަތު މިމަހުގެ އެއްވަނަ ދުވަހު ތަންފީޒު ކުރަން ފެށުމާއެކު، އައިޖީއެމްއެޗުން ހިލޭ މެޑިކަލް ޗެކަޕް ހެދުމަށް އިއްޔެ އާ ހަމައަށް 200 މީހުން އެދިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި، ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން މެޑިކަލް ޗެކްއަޕް ހެދުމަށް އެދި 50 އަހަރުން މަތީގެ 200 މީހުން ނަން ނޯޓުކޮށްފައިވެއެވެ.

އެ ހޮސްޕިޓަލުން ޗެކްއަޕް ހެދުމަށް ނަން ނޯޓުކުރެވޭނީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހާއި ހޮނިހިރު ދުވަހުުގެ ހެނދުނު 08:00 އިން މެންދުރުފަހު 15:00އާ ހަމައަށެވެ.

އަދި، މެޑިކަލް ޗެކްއަޕް ހަދައިދެނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މިއިން ކޮންމެ ދުވަހަކު ޗެކްއަޕް ހަދައިދޭނީ 20 މީހުންނަށެވެ. އެއީ، ހަފުތާއަކު 40 މީހުންނެވެ.

އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ މި މަހުގެ އެއްވަނަ ދުވަހު ބުނެފައެވެ. އަދި، ދެވަނަ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭ މީހުންނަށް ޑޮކްޓަރެއްގެ ލިޔުމާއެކު މެޑިކަލް ދެވަނަ މެޑިކަލް ޗެކަޕެއް ވެސް އާސަންދައިގެ ދަށުން ހެދޭނެއެވެ. އެގޮތުން:

  • އޭޕްރީލް 1 އިން ފެށިގެން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
  • އޭޕްރީލް 1 އިން ފެށިގެން 19 އަހަރުން ދަށުގެ ކުދިންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
  • ޖުލައި 1 އިން ފެށިގެން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ

މެޑިކަލް ޗެކްއަޕް ހެދުމުގެ ޚިދުމަތް ފުޅާވެގެން އަންނައިރު ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށް އެ ހޮސްޕިޓަލުގައި ހާއްސަ ކްލިނިކެއް ވެސް ތައްޔާރުކުރަން ރާވައިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދެނީ ސަރުކާރުގެ ހޮސްޕިޓަލްތަކުންނެވެ. މާލެ ސަރަހައްދުން އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުން ވެސް އެ ހިދުމަތް ހޯދޭނެއެވެ.

comment ކޮމެންޓް