މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އާއި މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް ބިލްޑް އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.
ދިރާގުން ބުނީ އެ އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އަލިއަޅުވާލައި، އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ހިއްސާކުރެވޭނެ ފަދަ ޕްލެޓްފޯމެއް ފޯރުކޮށްދިނުން ކަމަށެވެ.
އެ އެކްސްޕޯ އޮންނާނީ މި ޖެނުއަރީ މަހުގެ 11 އިން 14އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއީ މި އިވެންޓް ބާއްވާ ތިންވަނަ ފަހަރެވެ.
އެ އެކްސްޕޯގައި 70އަށް ވުރެ ގިނަ އެގްޒިބިޓަރުންގެ އުފެއްދުންތަކާއި ޚިދުމަތްތައް، ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
އެ އެކްސްޕޯއިން، އިމާރާތްކުރުމާ ގުޅުންހުރި ތަފާތު ތަކެއްޗާއި ބޮޑެތި މެޝިނަރީ ދެއްކުމުގެ އިތުރުން، ރާއްޖޭގެ އިމާރާތްކުރުމާއި އުމްރާނީ ތަރައްގީއާ ގުޅޭ ގޮތުން މި ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ރާއްޖޭގެ އެކި ދާއިރާތައް އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް، އަބަދުވެސް އެއްބާރުލުންދޭނެ ކަމަށް ދިރާގުން ބުންޏެވެ.