ވާރޭ ވެހުނަސް، ކަނޑުތައް މަޑުވާނެ: މެޓު

ވާރޭ ވެހުނަސް، ކަނޑުތައް މަޑުވާނެކަމަށް މެޓް އޮފީހުން ލަފާކުރޭ --- ފޮޓޯ/ ސަން ފައިލް ފޮޓޯ

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރިއަސް، މުޅި ރާއްޖޭގައި ކަނޑުތައް މަޑުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި އުތުރާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާއިރު، މެދު ރާއްޖެތެރެއަށް ކެރީގެ އަސަރު ފޯރާނެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް އެވަރެޖްކޮށް ވައިޖެހޭނީ، ގަޑިއަކު ފަސް މޭލާއި 15 މޭލަށް ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ހަތް މޭލާއި 20 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

ހަފުތާ ބަންދާއެކީ، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ރަނގަޅުވާނެކަމަށާއި ކަނޑުތައް މަޑުވާނެކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ފެށޭ ހަފުތާ އާދީއްތަ ދުވަހު ދެވަނަ ޓާމަށް ސްކޫލުތައް ހުޅުވާއިރު، ކުރިއަށް އޮތް ތިން ދުވަހު ކަނޑުދަތުރުކުރާ މީހުން ގިނަވާނެކަމަށް ބެލެވެއެވެ.

މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް އިރުވައި މޫސުމުގެ ވިއްސާރަކުރިއިރު، ކަނޑުތައް ވެސް ގަދައެވެ.

އަދި، މޫސުން ރަނގަޅުނުވެ ދިގުލައިގެން ގޮސްފައިވަނީ، މި ސަރަހައްދުގެ އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކެއްގެ ސަބަބުން ކަމަށް މީގެ ކުރިން މެޓު އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް