އިންޓަވިއު ޕެނަލަށް ތުހުމަތުތަކެއް އޮއްވައި އައިޔޫއެމްގެ ޑީވީސީއަކަށް ވިސާލް

ޑރ. ވިސާލް މޫސާ--

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަމަށް ބޭފުޅަކު ހޮވުމުގެ މަރުހަލާގައި ބޮޑެތި މައްސަލަތަކެއް ހުރިކަމުގެ ތުހުމަތު ކޮށްފައި ވަނިކޮށް، ޑރ. ވިސާލް މޫސާއަށް އެ މަގާމު ދޭން އައިޔޫއެމުން ނިންމައިފިއެވެ.

މި މަގާމަށް ވިސާލް އައްޔަންކުރަން އައިޔޫއެމްގެ މަޖިލީހުން ނިންމިއިރު، އޭނާއާ މަސްލަހަތު ފުށުއަރާ ބޭފުޅަކު، ޑީވީސީއަކު އައްޔަންކުރުމަށް އިންޓަވިއުކުރުމަށް އެކުލަވައިލި ޕެނަލްގައި ހިމެނޭކަމުގެ ތުހުމަތު އެބައޮތެވެ.

އެގޮތުން އެ ޕެނަލްގައި ހިމެނޭ، އަބްދުއްލަތީފް މުޙައްމަދާއި، ވިސާލަކީ ވިޔަފާރީގެ ގޮތުން ޕާޓްނަރުންކަމަށް މައުލޫމާތު ލިބެއެވެ. އިންޓަވިއު ޕެނަލް އެކުލަވައިލިއިރު ވެސް އެ މައްސަލަ ފެންމަތިކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވިދާޅުވީ ވިސާލަށް އެ މަގާމު ދޭން ނިންމީ، އޭނާއަށް ލިބުނު މާކްސްއަށް ބަލައި، އެންމެ މަތިން ލިބުމުން ކަމަށެވެ. އަދި އިންޓަވިއު ޕެނަލުގައި އެއްވެސް މައްސަލައެއްވާކަމަށް ގަބޫލުނުކުރައްވާކަމަށެވެ.

ހަމައެއާއެކު އެ މައްސަލަ ފާހަގަކުރީ މާކްސް ދިނުމުގެ މަރުހަލާ ނިމުނުފަހުން ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ.

ނަމަވެސް އިންޓަވިއު ޕެނަލްގައި ހިމަނާ މީހެއްގެ ކިބައިގައި ހުންނަންވާ ޝަރުތުތައް އައިޔޫއެމްގެ ވަޒީފާއާ ބެހޭ ގަވައިދުގެ 22ވަނަ މާއްދައިގައި ބަޔާންކޮށްފައިވާއިރު އެއަށް ބެލުމުން އަބްދުއްލަތީފްގެ ޝަރުތު ހަމަވާކަމަށް ޒާހިރު ވިދާޅުވިއެވެ.

އައިޔޫއެމްގެ އިންޓަވިއު ޕެނަލަކީ، އައިޔޫއެމްގެ ކައުންސިލުން އެކުލަވައިލާ ޕެނަލެކެވެ. އެ ޕެނަލުގައި، ހިމެނުން މަނާކޮށްފައި އޮތް ހަމައެކަނި ހާލަތަކީ އިންޓަވިއުކުރެވޭ ފަރާތާ އާއިލީ ގޮތުން ގުޅުންހުރި މީހަކު އިންޓަވިއު ޕެނަލުގައި ހިމެނުމެވެ.

އޭނާ ވިދާޅުވީ މަސްލަހަތު ފުށުއަރާކަމުގެ ވާހަކަ ފެތުރެން ފެށުމާއެކު ވެސް އެ ކަމުގައި ޔުނިވާސިޓީން އަމަލުކުރީ ގަވައިދުތަކާ އެއްގޮތަށް ވީހާ ވެސް ހާމަކަން ބޮޑުކޮށް އެ ކަން ކުރުމަށްކަމަށެވެ.

އެގޮތުން ޔުނިވާސިޓީގެ އެޗްއާރް ޑިޕާޓްމަންޓުގެ ލަފާ ވެސް ހޯދައި، އަބްދުއްލަތީފްގެ މައުލޫމާތު ވެސް އޮޅުން ފިލުވީކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު އެ ދެ މީހުން އެކުގައި ކުރި ވިޔަފާރިއަކީ މާ ކުރީގެ ވިޔަފާރިއެއްކަމަށް ވެސް އެ ހޯދުނު މައުލޫމާތުން އެނގިފައިވެއެވެ.

މީގެ އިތުރުން ވިސާލަަށް އިންޓަވިއު ޕެނަލުން ލިބުނު މާކްސް ގުނުމުގައި، އަބްދުއްލަތީފްގެ މާކްސް ނުހިމަނައި ގުނިކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އޭރުން ވެސް މާ ބޮޑު ފަރަގެއް ނާންނަކަމަށް އަލީ ޒާހިރު ވިދާޅުވިއެެވެ.

"އޭރުން ވެސް ހަމަ މާ ބޮޑު ތަފާތެއް ނާދޭ. ހަމަ ވިސާލް އޭރުން ވެސް އެއްވަނައިގައި ހިމެނެނީ،" ޒާހިރު ވިދާޅުވިއެވެ.

އޭނާ ވަނީ އެ ކަަން ހިނގައިދިޔަ ގޮތް ބެލުމުގެ ފުރުސަތު ވެސް އޮންނާނެކަމަށެވެ. ނަމަވެސް އޭރުން ވެސް އެ ކަމުގައި ގޯހެއް ނެތްކަން ހާމަވާނެކަމަށް ވިދާޅުވިއެވެ.

މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ކަމުގެ އަޑުތަކެއް ވެސް ފުތުރުނެވެ. ނަމަވެސް މި މައްސަލަ ހުށަހަޅާފައިވާކަން އަދި އޭސީސީއަކުން ޔަގީނެއް ނުކޮށްދެއެވެ.

comment ކޮމެންޓް