ޖަޕާނަށް އައި ބިންހެލުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ރައީސް ޑރ، މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީ އެރުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެގައުމުގެ ބޮޑުވަޒީރު ކިޝިދާ ފުމިއޯއަށް ތައުޒިޔާގެ މެސެޖެއް މިއަދު ފޮނުއްވައިފިއެވެ.

ޖަޕާނަށް މިއަދު އެގައުމުގެ ގަޑިން 4:10 ހާއިރު އައީ 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. އޭގެ ސަބަބުން އެގައުމުގެ ބައެއް ސަރަހައްދުތަކަށް ސުނާމީ އެރިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް ފޮނުއްވި މެސެޖުގައި ވަނީ، ޖަޕާނަށް އައި ބިންހެލުމާއި އެރި ސުނާމީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ގެދޮރު ގެއްލި، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުކަމުގައި ކަމަށް ވިދާޅުވެފައެވެ.

ރައީސާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ނަމުގައި، އެގައުމުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ވަކިން ޚާއްޞަކޮށް ހާލުގައި ޖެހިފައިވާ މީހުންނަށް އެ މަނިކުފާނުގެ މެސެޖުގައި ހަމްދަރުދީ ފޮނުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މި ހާދިސާއިން އެ ގައުމު އަވަހަށް އަރައިގަތުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާކަމަށް ވެސް އެ މެސެޖުގައި ފާހަގަ ކުރައްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ޖަޕާނުގައި މިހާރު ހުންނެވި ބޮޑުވަޒީރުގެ ޒައާމަތުގައި، މި ކާރިސާގައި ގެއްލުން ލިބިފައިވާ ފަރާތްތައް ހޯދުމާއި، މީހުން ސަލާމަތް ކުރުމާއި އަލުން، ގެއްލުން ލިބުނު ސަރަހައްދު ބިނާ ކުރުމުގެ މަސައްކަތް ވަރަށް ހަރުދަނާކޮށް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނަށް ޔަގީންކަން އޮތް ކަންވެސް އެމެސެޖުގައި ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޖަޕާނަށް މިއަދު އައި ބިންހެލުމުގައި ލިބުނު ގެއްލުން އެގައުމުގެ ކަމާ ގުޅުންހުރި އިދާރާތަކުން މިހާރު ވަޒަންކުރަމުންދާއިރު، އެގައުމުގެ ނޫސްތަކުން ވަނީ ބައެއް ގެތައް ވެއްޓި، އެ ގެތަކުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ބިންހެލުމުގެ ސަބަބުން ބޮޑެތި ހައިވޭތަކަށް ވެސް ގެއްލުން ވެފައި ވުމުން، އެހީ ފޯރުކޮށްދިނުމަށް ދަތިތައް ދިމާވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް