މަޖިލިސް އިންތިޚާބުގައި ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

ޑިސެމްބަރ 9، 2019: ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތްފިޔަ" ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިދިޔަ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަން މިރޭ އިއުލާންކުރައްވައިފިއެވެ.

ނަހުލާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖޭޕީގެ ފަރާތުން ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން, އަޅުގަނޑަށް ތާއީދުކޮށް ތިޔަބޭފުޅުންގެ ވޯޓް އަޅުގަނޑަށް ދެއްވުން،" ނަހުލާ ވިދާޅުވިއެވެ.

ދެހާސް އަށާރަ ވަނަ އަހަރު އިންތިޚާބުވި ސަރުކާރުގައި ޝާމިލުވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން ކަމަށްވާ ނަހުލާ، ޓްރާންސްޕޯޓް މިނިސްޓްރީއަށް އައްޔަން ކުރުމުގެ ކުރިން ސިޔާސީ މަގާމެއް ފުރުއްވާފައި ނުވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރެއްވި ގާސިމަށް ތާއިދު ހޯއްދެވުމުގައި ނަހުލާ އިސްކޮށް އުޅުއްވިއެވެ. އެ އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށެވެ.

ޖޭޕީން ވަނީ ކުރިއަށް އޮތް އިންތިޚާބުތަކުގައި އެ ޕާޓީއިން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީއާ ވެސް މަޝްވަރާތައް ކޮށްފައެވެ.

މަޖިލިސް އިންތިޚާބުގައި އެ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމުމަށް އެކުލަވާލާފައިވާ ފަސް މެންބަރުންގެ ކޮމިޓީގައި ނަހުލާ ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް