މެޑިކަލް ޗެކަޕްތަކުން، އާސަންދައިގެ ޚަރަދު މާ ބޮޑަށް އިތުރެއް ނުވާނެ: އެންސްޕާ

މެޑިކަލް ޗެކަޕް ހިލޭ ދިން ނަމަވެސް، އާސަންދައިގެ ޚަރަދު މާ ބޮޑަށް އިތުރު ވާނެ ކަމަށް ނުބެލެވޭ ކަމަށް އެންސްޕާއިން ވަނީ ބުނެފަ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އާސަންދަ ސްކީމްގެ ތެރެއިން ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ދޭން ފެށުމުން، މި ސްކީމްގެ ޚިދުމަތަށް ކުރާ ޚަރަދު މާ ބޮޑަށް އިތުރު ވާނެ ކަމަށް ނުބެލެވޭ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިރޭ ބުނެފިއެވެ.

ޕީއެސްއެމްގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، އާސަންދައަށް މެޑިކަލް ޗެކަޕް އިތުރު ކުރި ނަމަވެސް ޚަރަދު ބޮޑު ނުވާނީ، އެ ޚިދުމަތް ދޭނީ ސަރުކާރުގެ ސިއްހީ ފަރުވާދޭ ތަންތަނުން ކަމަށްވާތީ ކަމަށެވެ.

ހަމައެއާއެކު، އާސަންދައިން ޚިދުމަތް ފޯރުކޮށްދޭ ގޮތާއި ޚަރަދުތައް މިހާރު މުރާޖައާ ކުރަމުން އަންނަ ކަމަށާއި އޭގެ ސަބަބުން، ސްކީމްގެ ދަށުން މުހިންމު ކަންކަމަށް ނުވަތަ ބޮޑެތި ބަލިތަކަށް އިސްކަން ދިނުމުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ހަގީގަތުގައި މީގެ ސަބަބުން މާ ބޮޑު ބުރައަކަށް ވެގެން ނުދާނެ،" މެޑިކަލް ޗެކަޕް ހިލޭ ހަދަން ފެއްޓުމަށް އިޝާރާތް ކުރައްވައި ހީނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރަދުނާކޮށް ވަރުގަދަ ކުރުމަށާއި އެ ނިޒާމުގެ ތެރެއިން ގިނަ ޚިދުމަތްތަކެއް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކެންސަރު ހޮސްޕިޓަލަކާއި އަންހެނުންނާއި ކުޑަކުދިންގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުން ހިމެނޭކަން ހީނާ ފާހަގަކުރެއްވިއެވެ.

"މި ހުރިހާ ކަންކަމެއްގެ ތެރެއިން ހަގީގަތުގައި މި އަޅުގަނޑުމެންނަށް ރައްޔިތުންނަށް ދެވޭ ޚިދުމަތެއް އިތުރުވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ވެގެން ދިޔުމާ އެކީގައި މި ސްކީމްގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވޭ ޚަރަދުތައް ވަރަށް ބޮޑުތަން ކުޑަވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެގޮތް ހެދުމުގެ ސިޔާސަތަށް މިއަދު އަމަލުކުރަން ފަށައި، ފުރަތަމަ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 50 އަހަރުން މަތީގެ މީހުންނަށެވެ.

އާސަންދައިގެ ދަށުން ހިލޭ ކޮންމެ މީހަކަށް ވެސް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭގޮތް ހެދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

މި އަހަރަށް ލަފާކުރާ ބަޖެޓު ފޮތުގައިވާ ގޮތުން، މިދިޔަ އަހަރު އާސަންދައަށް ކުރި ހޭދަ، ބަޖެޓު ކުރި އަދަދަށް ވުރެ 1.3 ބިލިއަން ރުފިޔާ އިތުރުވާނެވެ. އާސަންދައަށް މިދިޔަ އަހަރު ކުރި ހޭދަ ބޮޑުވުމުން، ސަޕްލިމެންޓްރީ ބަޖެޓުން ވެސް 1.2 ބިލިއަން ރުފިޔާ ކަނޑައެޅިއެވެ.

މި އަހަރަށް ކަނޑައެޅި ބަޖެޓުގައި، އާސަންދައަށް ވަނީ 1.9 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

މި އަހަރަށް ޚަރަދު ކުޑަކުރަން ފިޔަވަޅުތައް ނާޅައިފި ނަމަ އާސަންދައަށް ކުރާ ހޭދަ 3.4 ބިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް