ވިއްސާރައިގައި ގުރައިދޫގެ 11 ގެޔެއް ބޭނުންނުކުރެވޭ ހާލަތަށް

ކ. ގުރައިދޫގައި ފެން ބޮޑުވެފައި-- ފޮޓޯ/އެމްއެންޑީއެފް

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ކ. ގުރައިދޫގައި ވެސް ފެންބޮޑުވެ، 11 ގެޔެއް ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފިއެވެ.

ކ. ގުރައިދޫގެ ކައުންސިލް މެންބަރު އިބްރާހިމް ޝަޒީލް 'ސަން'އަށް ވިދާޅުވީ، ފެންވަދެ ގެއްލުން ވެފައިވާ ކަމަށް އެ ރަށުގެ 25 ގެޔަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 11 ގެޔެއްގައި ގެންގުޅޭ ހުރިހާ ތަކެއްޗެއް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްޞަކޮށް ފަރުނީޗަރުތަކާއި، ދޮންނަމެޝިނާއި، އައިސް އަލަމާރި ފަދަ ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަން ޝަޒީލް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެރަށަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ރޭ ދަންވަރު ކަމަށާއި ގެތަކަށް ފެނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވެސް އެގަޑީގައި ކަމަށެވެ. އަދި އެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނިކޮށް އަނެއްކާ ހެނދުނު ވިއްސާރަވެ، އިތުރަށް ފެންބޮޑުވި ކަމަށް ޝަޒީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރީ މޫދަށް ފެންދާ ގޮތަށް ކޯރެއް ކޮނެގެން ކަމަށެވެ. އެއަށް ފަހު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ދެ ސަރަހައްދަކުން ފެން ކޮންޓްރޯލް ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވެސް އިރުވައި މޫސުމުގެ ވިއްސާރަކުރަމުން އަންނައިރު، ކަނޑުތައް ވެސް ގަދައެވެ. ރެއިން ފެށިގެން މޫސުން އިތުރަށް ގޯސްވެ، ވާރޭވެހި، މުޅި މާލޭގައި ވެސް ވަނީ ފެންބޮޑުވެފައެވެ.

comment ކޮމެންޓް