އެޕް ސްޓޯރުން މިހާރު މައިކްރޮސޮފްޓް ކޯޕައިލޮޓް އެޕް ޑައުންލޯޑް ކުރެވޭނެ

ކޯޕައިލެޓް އައިއޯއެސްއަށް ނެރެފައި މިވަނީ އެންޑްރޮއިޑްއަށް ނެރުނުތާ ކުޑަދުވަސްކޮޅެއް ފަހުން -- ފޮޓޯ/ މައިކްރޮސޮފްޓް

އައިފޯނާއި އައިޕެޑް ބޭނުންކުރާ ފަރާތްތަކަށް އެޕަލް އެޕް ސްޓޯރުން މިހާރު މައިކްރޮސޮފްޓް ކޯޕައިލޮޓް އެޕް ޑައުންލޯޑް ކުރެވޭނެއެވެ.

އައިއޯއެސް އެޕް ނެރެފައި މިވަނީ މައިކްރޮސޮފްޓުން އެންޑްރޮއިޑްގައި ކޯޕައިލޮޓް އެޕް ތައާރަފުކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

މި އެޕްގައި އޭއައިގެ އެންމެ ފަހުގެ ޖީޕީޓީ-4 އަދި ޑީއެލް-އީ 3ގެ ޗެޓްބޮޓެއްގެ ޚިދުމަތް ހިލޭ ލިބޭނެއެވެ. މި އެޕްލިކޭޝަން ޑައުންލޯޑްކޮށް ބޭނުން ކުރުމުގެ ފުރުސަތު ހިލޭ ލިބޭ އިރު، އެންޑްރޮއިޑް ކޯޕައިލޮޓްގެ މޮބައިލް ވާޝަނުން ލިބޭ ދެ ފީޗާއެއް އައިއޯއެސްއިން ނުފެނިދާނެއެވެ. މި ދެފީޗާވެސް އައިއޯއެސްއަށް ލިބޭނެކަމަށް ބެލެވުނަސް ލިބޭނެ ވަކި ތާރީޚެއް އަދި އެކުންފުނިން ހާމައެއް ނުކުރެއެވެ.

ކޮޕައިލޮޓް ދާދި ފަހުން ބިންގް ޗެޓުން ރީބްރޭންޑްކޮށްފައިވާއިރު، އޭގެ ސަބަބުން ޓެކްސްޓް އުފެއްދުމާއި، ސުވާލުތަކަށް ޖަވާބު ހޯދުމާއި، ޓެކްސްޓް ކުރުކޮށް ލިޔުމާއި، ޅެންބަހުރުވައިގެ އުފެއްދުންތަކަށްވެސް ފުރުސަތު ލިބެއެވެ. މީގެ އިތުރުން އެ އެޕްއިން އިންޓަގްރޭޓެޑް ޑީއެލް-އީ 3 އިމޭޖް ޖަނަރޭޓަރު ބޭނުންކޮށްގެން ފޮޓޯތައް ވެސް ހެދޭނެއެވެ. އަދި އޯޕަންއޭއައިގެ އެންމެ ފަހުގެ ޖީޕީޓީ-4 މޮޑެލް ވެސް މި އެޕްލިކޭޝަނުން ހިލޭ ލިބޭނެއެވެ.

މައިކްރޮސޮފްޓުން ދާދި ފަހުން ވަނީ، އޭއައިއިން މިއުޒިކް އުފެއްދުމުގެ ޚިދުމަތެއް ކަމަށްވާ ސުނޯއާ އެކު ޕާޓްނާޝިޕެއް އިއުލާންކޮށްފައެވެ. އެެހެންވެ، ކޯޕައިލޮޓްގައި ވެސް ސުނޯ ބޭނުންކޮށްގެން އަމިއްލަ ބީޓްތައް ހެދޭނެއެވެ.

comment ކޮމެންޓް