ސްޕާތަކުގައި ހިންގާ ފާހިޝް އަމަލުތަކާއި ގޭންގު ކުށްތައް ހުއްޓުވަން އިސްކަންދޭނަން: ސީޕީ

ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު-- ސަން ފޮޓޯ: އިބްރާހީމް ޝަމްވީލް

ސްޕާތަކުގައި ކުރާ ފާހިޝް އަމަލުތަކާއި، ކުޑަކުދިން ހިމެނޭހެން ހިންގާ ގޭންގު ކުށްތައް ހުއްޓުވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

މަގާމާ ހާވަލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ސީޕީ ޝުޖާއު ވަނީ އޭނާ އެންމެ އިސްކަންދެއްވާނެ ކަންކަން ހާމަކުރައްވައިފައެވެ.

އޭގެ ތެރެއިން ޝުޖާއު ވިދާޅުވީ މިހާރު ވެސް އެ ފަދަ ވިޔަފާރިތައް ހުއްޓުވުމަށް ޓަކައި މަސައްކަތް ކުރެވެމުން އަންނަކަމަށެވެ. އަދި އެ ފަދަ ކަންކަން ކުރާ މީހުން ދެނެގަނެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

"ގްރޭޓާ މާލޭގައި ސްޕާތަކުގެ ނަމުގައި ހިންގާ ފާހިޝް އަމަލުތައް ހުއްޓުވުމަށް ޚާއްސަ މަސަައްކަތްތަކެއް މިހާރު ވެސް ވަނީ ފެށިފައި. އަދި އެ ފަދަ ވިޔަފާރިތައް ހިންގާ މީހުންނާއި އޭގެ ނަފާ ލިބޭ މީހުން އަޅުގަނޑުމެން ބަލައި ފިޔަވަޅު އަޅާތަން ފެނިގެންދާ ގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރެވިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމަށް ޓަކައި އަބަދު ވެސް މަސައްކަތް ކުރެވެމުން އައި ނަމަވެސް، އެ ކަމުގެ ނަތީޖާ ނުނެރެވި ވާކަމަށެވެ.

އެހެންކަމުން މި ދައުރުގައި ނަތީޖާ ނެރުމުގެ އަމާޒަށް މަސައްކަތްކޮށް، ގޭންގު ކުށްތަކަށް ވަންނަ ކުޑަކުދިންގެ އަދަދު މަދުކުރުމަށް ޓަކައި ވެސް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

"ޚާއްސަކޮށް 18 އަހަރު ނުފުރޭ ކުދިން މިކަމަށް ވައްދާކަން އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުތަކުން އެބަ އެނގޭ. ވީމާ މިފަހަރު އަޅުގަނޑުމެން މި ފަދަ ގްރޫޕުތަކަށް އަމާޒުކޮށްގެން ކަންކަން އެންފޯސްކުރުމުގެ އިތުރުން މި ކަމުގައި އުޅޭ ކުޑަކުދިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން އެ ކުދިން ނަގައި، އެ ޑިޕާޓްމަންޓުގެ ދަށުން މި ފަދަ ކުދިން ރިހެބިލިޓޭޓްކުރުމުގެ މަޝްވަރާ އަންނަނީ ކުރެވެމުން،" ޝުޖާއު ވިދާޅުވިއެވެ.

އެ ކަމަށް ފުލުހުންގެ އެއްބާރުލުން ވެސް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގްރޫޕުތަކުގެ ބޮޑުންނާ ހަމައަށް ވާސިލްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް މި ދައުރުގައި ކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޭމްގެ މައްސަލަތަކާއި ސައިބަ ކްރައިމްގެ މައްސަލަތައް ހުއްޓުވުމަށް އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުންގެ ޚިދުމަތް އިތުރަށް ލާމަރުކަޒު ކުރުމަށް ވެސް މިހާރަށް ވުރެ ބޮޑަށް އިތުރަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އަވަށްޓެރި ފުލުހުންގެ ޚިދުމަތް މުޅި ރާއްޖޭގައި ދެއްވާނެކަމަށް ވިދާޅުވިއެވެ.

ސްޕާތަކުގައި ފާހިޝް އަމަލުތައް ހިންގުމާއި ގޭންގު ކުށްތަކަކީ އާންމު ކަމެކެވެ. މި ފަދަ ގިނަ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އަދަބު ތަންފީޒުކުރުމާ ހަމައަށް ދަނީ ވަރަށް މަދު ފަހަރެކެވެ.

comment ކޮމެންޓް