ދެ އަހަރު ތެރޭ ހޮޓެލް ސްކޫލުގެ މަސައްކަތް ނިންމައިލެވޭނެ: މިނިސްޓަރު

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް: އޭނާ ވިދާޅުވީ ހޮޓެލް ސްކޫލުގެ މަސައްކަތް ދެ އަހަރު ތެރޭ ނިންމައިލެވޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ލ. އަތޮޅުގައި ގާއިމުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެން ހޮޓެލް ސްކޫލުގެ މަސައްކަތް ދެ އަހަރު ދުވަސްތެރޭ ނިންމައިލެވޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ރޭ ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގައި ހޮޓެލް ސްކޫލެއް ގާއިމުކުރަން ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ލ. އަތޮޅު ފުނަދުއަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާއެއްގައެވެ.

އެ މަނިކުފާނު އޭރު ވިދާޅުވީ މާމެންދޫ ކައިރީގައި އޮންނަ ހުޅިމެންދޫގައި ރިސޯޓެއް ތަރައްގީކޮށް، ހޮޓެލް ސްކޫލެއް ގާއިމުކުރައްވާނެ ކަމަށެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހޮޓެލް ސްކޫލު ގާއިމުވެގެން ދިޔުމުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި މިހާރު ތިބި ބިދޭސީން މަދުކޮށް ދިވެހިން އިތުރުކުރެވޭނެ ކަމަށެވެ.

"ޓޫރިޒަމް މިނިސްޓްރީގެ ޓޮޕް މެނޭޖްމެންޓުގައި އެބަތިބި ބޭރުގެ ފަރާތްތައް. އެ ފަރާތްތަކުގެ ރިޕްލޭސްމަންޓްގެ ގޮތުގައި ރާއްޖެއަށް އެންމެ މުހިންމު ވަނީ ހޮޓެލް ސްކޫލެއް،" ވަޒީރު ވިދާޅުވިއެވެ.

"ދެން އިންޑަސްޓްރީގައި މި ތިބަ ޒުވާނުންނާ ތަޖުރިބާކާރު މީހުންގެ ފަރާތުން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ލިބުނު މައުލޫމާތުތަކަށް ބަލާއިރު ވެސް ކޮންމެހެން ރާއްޖޭގަ ހޮޓެލް ސްކޫލެއް ހުންނަންޖެހޭ،"

ފައިސަލް ވިދާޅުވީ ކުރިއަށް އޮތް 24 މަސް ދުވަސް ތެރޭ ދުނިޔޭގެ ފެންވަރުގެ ހޮޓެލް ސްކޫލެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ.

ހޮޓެލް ސްކޫލާ އެކު އޭގެ ހެޔޮ ނަތީޖާ ގައުމުގެ އިގުތިސާދަށް ވެސް ކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން ބޭރުގެ ފަރާތްތަކަށް ލިބޭ ފައިސާ ގައުމުން ބޭރުވުން މަދުކުރުމާއި ޑޮލަރުގެ ބޭރުވުން ވެސް މަދުކުރެވިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އެ ވާނެ ވަރަށް ބޮޑު ކުރިއެރުމަކަށް. އޭރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮޓެލް ސްކޫލަށް ކުދިން އައިސް އަދި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ކުދިން އައިސް އެއްތާކު ތިބެގެން އެ ކުއްޖަކު ތަމުރީނުވެގެން ނުކުތީމަ އަޅުގަނޑު ގަބޫލުކުރަނީ މިހާރު ޓޮޕް މެނޭޖްމަންޓުގައި ތިބި ބިދޭސީން ރިޕްލޭސް ކުރެވޭނެ،" ފައިސަލް ވިދާޅުވިއެވެ.

ހަމައެއާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީން އިތުރުކޮށް ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ސްކޮލަޝިޕްތަކާއި ތަމުރީނުގެ ފުރުސަތުތައް ފަހިކޮށްދޭން ވަރުގަދަ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ފައިސަލް ވަނީ އަރުވައިފައެވެ.

https://sun.mv/181571

ހޮޓެލް ސްކޫލެއްގެ އިތުރުން ލ. އަތޮޅުގެ ޓޫރިޒަމް ކުރިއެރުވުމަށް ރައީސް މުއިއްޒު ވަނީ މުހިއްމު ވައުދުފުޅުތަކެއް ވެވަޑައިގެންފައެވެ.

އެގޮތުން ލ. ފޮނަދުއާއި ގަން ހިމެނޭހެން އައްސޭރި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގަވައި، ފޮނަދޫގައި ބިންހިއްކުމުގެ މަޝްރޫއަކާއި، ފޮނަދުއާއި ގަމުގައި ހައުސިންގެ މަޝްރޫއު ހިންގާނެ ކަމަށް ވެސް ރައީސް މުއިއްޒު ކެމްޕޭން ތެރޭގައި ވިދާޅުވިއެވެ.

އަދި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި ލ. ބަރެސްދޫ އިންޓަގްރޭޓެޑް ރިސޯޓްގެ މަސައްކަތް އަލުން ފައްޓަވާނެ ކަމަށާއި ކައްދޫ އެއާޕޯޓް ތަރައްގީކޮށް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހަަދައިދެއްވަން އެ މަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް