ސުމަތްރާ ކައިރިއަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ: މެޓް

އިންޑޮނޭޝިއާގެ ސުމަތްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި ބިން ހެލުމާއި ގުޅޭ--- ފޮޓޯ: އެކްސް/މެޓް އޮފީސް

މިއަދު ހެދުނު އިންޑޮނޭޝިއާގެ ސުމަތްރާ ކައިރިއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް، މެޓް އޮފީހުން މިއަދު ބުނެފިއެވެ.

އާއްމުކޮށް ބިންހެލުންތައް އަންނަ ސުމަތްރާގެ ކަނޑުގެ ސަރަހައްދަށް މިއަދު އައީ 5.6 ގެ ބާރުމިނުގެ ބިންހެލުމެކެވެ.

މިކަމާއި ގުޅިގެން "ސަން" އާ ވާހަކަދައްކަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އައިސްގެން އުޅެނީ ވަރަށް އާދައިގެ ބިންހެލުމެއް ކަމަށާއި އެ ވަރުގެ ބިންހެލުންތައް އަބަދުވެސް އަންނަ ކަމަށެވެ.

މި ބިންހެލުމުގެ ސަބަބުން އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ވަނީ އައްޑޫ ސިޓީއާ 900 ކިލޯމިޓަރު ދުރަށް ވެސް ބިންހެލުމެއް އައިސްފައެވެ. އެ ބިން ހެލުމުގެ އަސަރެއް ވެސް ރާއްޖެއަކަށް ނުކުރެއެވެ.

މި މަހުގެ 26 ވަނަ ދުވަހަކީ ރާއްޖެއަށް މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ގުދުރަތީ ކާރިސާ ކަމަށްވާ، ސުނާމީ ކާރިސާއަށް 19 އަހަރު ފުރުނު ދުވަހެވެ. އެ ފަހަރު ރާއްޖެއަށް ސުނާމީ އަރައި އެތައް ބަޔަކު މަރުވެ، ބޮޑު ގެއްލުމެއް އުމްރާނީ ގޮތުން ކުރިމަތިވީ ސްމަތުރާއަށް އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު ސުނާމީއެއްގެ ސަބަބުންނެވެ.

comment ކޮމެންޓް