ކުޅުދުއްފުށީ އެއާޕޯޓުން ފުރަން އުޅުނު ދިވެއްސެއް އަތުން ވަޒަނެއް ހޯދައިފި

މީގެކުރިން އެއާޕޯޓުގައި ލަގެޖެއް ސްކްރީންކޮށްފައި -- ފޮޓޯ/ އެމްއޭސީއެލް

ކުޅުދުއްފުށީ ސިޓީ އެއާޕޯޓުން ފުރަން އުޅުނު ދިވެއްސެއް ބަލައި ފާސްކުރުމުގެ ތެރެއިން، އޭނާ އަތުން ވަޒަނެއް ހޯދައިފިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ވަޒަން ފެނުނީ, އަންހެނެއްގެ ދަބަހުން އޭނާ ފުރަން ގޮސް ހުއްޓައި ކަމަށެވެ.

އަދި ފުލުހުންނާ ގުޅިގެން މިހާރު އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

އޭނާގެ އަތުން ނުރައްކާތެރި އެހެން އެއްޗެއް ފެނިފައިނުވާކަމަށް ވެސް މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

ވައިގެ ދަތުރުފަތުރުކުރާއިރު، ބޯޓާއި، ދަތުރުވެރިންގެ ސަލާމަތަށް ޓަކައި ހުރިހާ ފަސިންޖަރުން ވެސް ގިނަ ސެކިއުރިޓީ ސްކްރީނިންތަކެއް ފުރިހަމަ ކުރަން ޖެހެއެވެ.

ފްލައިޓް ތެރެއަށް، ތޫނު ހަތިޔާރާއި، ލައިޓަރާއި، އެ ނޫން ވެސް ޕްރެޝަރުގެ ސަބަބުން ގޮވައިފާނެ ފަދަ، ގެއްލުމެއް ދެވިދާނެ އެއްވެސް އެއްޗެއް އެރުވުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެ ފަދަ ތަކެތި އެއާޕޯޓުން ބަލައިއިރު އަތު ވެސް ލާނެއެވެ.

މީގެ ކުރިން ވެސް މި ފަދަ ބައެއް ހާދިސާތައް މަދުން ނަމަވެސް ހިނގައިފައި އެބަހުއްޓެވެ. އެގޮތުން އަވަށްޓެރި ލަންކާގައި ވަނީ ދިވެއްސަކު އަސްލު ފިސްތޯލައެއް ގެންގުޅެނީކަމަށް ތުހުމަތުކޮށް އެއާޕޯޓުގައި ހިފަހައްޓައިފައެވެ.

comment ކޮމެންޓް