އާސެނަލަށް ލީގު ހޯދަން ގިނަ އުނދަގޫތަކެއް ހުންނާނެ: އޮންރީ

އާސެނަލްގެ ލެޖެންޑް، ތިއެރީ އޮންރީ -- ފޮޓޯ/ ގެޓީ

ގިނަ ޓީމުތަކަކުން އިނގިރޭސި ޕްރިމިއާ ލީގު ހޯދަން ވާދަކުރާތީ، އާސެނަލަށް ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް އެ ކްލަބުގެ ލެޖެންޑް، ތިއެރީ އޮންރީ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހާމް ޔުނައިޓެޑް އަތުން 2-0ގެ ނަތީޖާއަކުން ބަލިވެ، އާސެނަލަށް ވަނީ ތާވަލުގެ އެއްވަނަ މަގާމު ގެއްލިފައެވެ.

ތާވަލުގެ އެއްވަނައިގައި މިހާރު ލިވަޕޫލު އޮތްއިރު، ތިންވަނައިގައި އޮތް އެސްޓަން ވިލާއާއި ހަތަރުވަނައިގައި އޮތް މެންޗެސްޓާ ސިޓީން ވެސް ދަނީ އެ މަގާމަށް އެރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އެހެންކަމުން އާސެނަލަށް ލީގު ޗެމްޕިއަންކަން ހޯދުމަށް ގިނަ އުނދަގޫތަކެއް ހުންނާނެ ކަމަށް އޮންރީ ދެކެއެވެ.

"އަހަރެން ކުޅުނުއިރު، ލީގު ހޯދުމަށް އެންމެ ބޮޑަށް ވާދަކުރަނީ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް އެކަނި. އެއަށްފަހު ދެން އައީ ޗެލްސީ. މިހާރުނަމަ، ލީގަށް ވާދަކުރުމަށް ލިވަޕޫލު އަދި އެސްޓަން ވިލާ ވެސް އެ ދަނީ މަސައްކަތްތަކެއް ކުރަމުން. އެހެންވީމާ ވަރަށް ގިނަ އުނދަގޫތަކެއް ހުންނާނެ،" އޮންރީ ބުންޏެވެ.

އޮންރީ ބުނީ އެސްޓަން ވިލާއަކީ އާދައިގެ ގޮތަކަށް ބެލޭނެ ޓީމެއް ނޫންކަން ނަތީޖާތަކުން ސާބިތުކޮށްދީފައިވާ ކަމަށާއި އާސެނަލުން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

މިދިޔަ ސީޒަން ނިމުމަކާ ގާތްވަންދެން ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އާސެނަލެވެ. ނަމަވެސް އާސެނަލްގެ ނަތީޖާތައް ގޯސްވުމާއެކު، އެކަމުގެ ފައިދާ ނަގައި، މެންޗެސްޓާ ސިޓީން ވަނީ ލީގު ޗެމްޕިއަންކަން ހޯދައިފައެވެ.

comment ކޮމެންޓް