އާސެނަލް ބަލިވެ ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ނަގައިލައިފި

އާސެނަލް އާއި ދެކޮޅަށް ލަނޑު ޖެހުމަށްފަހު ވެސްޓް ހޭމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ / ފޮޓޯ: ޔޫރޯ ސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެ ތާވަލުގެ އެއްވަނައަށް އެރުމަށް އާސެނަލަށް ލިބުނު ފުރުސަތު ގެއްލުވައިލައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ވެސްޓް ހޭމްއިން ކާމިޔާބު ކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އާސެނަލްގެ ފުރަތަމަ އެގާރައިގާވަނީ މި ސީޒަންގައި ވެސްޓް ހޭމްއިން އާސެނަލަށް ބަދަލުވި އެ ޓީމުގެ ކުރީގެ ކެޕްޓަން ޑެކްލަން ރައީސް ވެސް ކުޅެފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ވެސްޓް ހޭމްއިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 13ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދީފައިވަނީ ތޯމަސް ސޯޗެކްއެވެ.

ނަމަވެސް މި ލަނޑު ޖެހުމަށް ޓަކައި އުފެއްދި ހަމަލާގެ ތެރޭގައި ބޯޅަ ބޭރުވެފައިވާކަމަށް ފަހަގަވެފައިވީ ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެކަން މުޅިން ޔަގީން ނުކުރެވޭތީ އެ ލަނޑު ވަނީ ބަލައިގެންފައެވެ.

އަދި މި މެޗުގައި ވެސްޓް ހޭމްއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 55ވަނަ މިނެޓްގައި ޖަހައިދިނީ ކޮންސްޓަންޓިނޯސް މަވްރޮޕާނޯސްއެވެ.

މި ލަނޑާއެކު ވެސްޓް ހޭމްއިން ހަމަޖެހިލިއިރު އާސެނަލުންވަނީ ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް އިތުރުކޮށްފައެވެ. ނަމަވެސް މި މެޗުގައި އެ ޓީމުގެ މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ވެސްޓް ހޭމްއިން މިހާރުވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި އާސެނަލް އުޅެނީ 40 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މި މެޗުން މޮޅުވިނަމަ އާސެނަލަށް ތާވަލުގެ އެއްވަނައިގައި މިހާރު އޮތް ލިވަޕޫލްގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ނެގުނީހެވެ.

comment ކޮމެންޓް