އިސްތިއުފާތަކާއެކު ވެސް ބައްސާމަށް މަގާމެއް ނުގެއްލޭ: އެފްއޭއެމް

އެފްއޭއެމްގެ ރައީސް ބައްސާމާއި ފީފާގެ ރައީސް އިންފަންޓީނޯ ބައްދަލުކުރެއްވުން -- ފޮޓޯ/ ޖިއާނީ އިންފަންޓީނޯ، އިންސްޓަގްރާމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމިޓީގައި މި ވަގުތު ތިއްބެވި, ރައީސް ބައްސާމް އަދީލް ޖަލީލާއި ދެން ހިމެނޭ މެންބަރުންގެ މަގާމު ގެއްލިފައިނުވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީގައި ނުވަ މެންބަރުން ހިމެނޭއިރު، އޭގެ ތެރެއިން ފަސް މެންބަރަކު އިސްތިއުފާދިނުމުން މިހާރު ބައްސާމާއެކު ހިންގާ ކޮމިޓީގައި ތިބީ ހަތަރު މެންބަރެކެވެ.

މީގެ ކުރިން ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަބްދުﷲ ޝިބާއު، އޭގެ ތެރެއިން މަގާމަކަށް އައްޔަންކުރި ނަމަވެސް، އޭނާއަށް އާންމު ބައްދަލުވުމަކުން ރުހުން ދީފައެއް ނުވެއެވެ. އެހެންކަމުން ބައްސާމާއި ދެން ހިމެނޭ މެންބަރުންނަށް މަގާމުގައި ދެމިތިބެވިދާނެ ކަމާމެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.

އެ މައްސަލައާ ގުޅޭގޮތުން އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިންގާ ކޮމިޓީގެ 50 އިންސައްތަ މެންބަރުންނަށްވުރެ ގިނަ ނޫން އަދަދެއްގެ މެންބަރުން މަގާމުން އިސްތިއުފާ ދީފި ހާލަތެއްގައި، ދެން އެންމެ އަވަހަށް ބޭއްވޭ އާންމު ޖަލްސާއަކުން މެންބަރުން އިންތިހާބުކުރުމާ ހަމައަށް އެއިރެއްގައި އޮންނަ ހިންގާ ކޮމިޓީން އެ ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަންކުރެވޭނެ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"މި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އަޣުލަބިއްޔަތު ނެތް ކަމަށާއި އެފްއޭއެމްގެ ރައީސްގެ މަގާމު ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކައަކީ އޭގައި އަސާސެއް އެކުލެވޭ ވާހަކައެއް ނޫންކަން ފާހަގަކުރަމެވެ. އަދި ލިޔެވި ޝާއިއުކުރެވިފައިވާ ގަވާއިދުތަކާއި ފެންނަން ހުންނަ ކަންކަން އެކަށީގެންވާ މިންވަރަށް ބައްލަވައި ފުރިހަމައަށް ދިރާސާކޮށް އެކަމާ ގުޅޭގޮތުން ޚަބަރު ފަތުރާ ފަރާތްތަކުން ޚަބަރު ފެތުރުމަށް މި އެސޯސިއޭޝަންގެ ފަރާތުން އިލްތިމާސްކުރަމެވެ..،" އެފްއޭއެމްގެ ބަޔާނުގައި ބުންޏެވެ.

އެފްއޭއެމުން ބުނީ އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ދެން އެންމެ އަވަހަށް ވެސް އެ އެސޯސިއޭޝަނުން އާންމު ޖަލްސާއެއް ބާއްވަން ޖެހޭނީ އަންނަ އަހަރުގެ މާޗު މަހުގެ 31ގެ ކުރިން ކަމަށެވެ.

އެހެންވެ އެ ތާރީހާ ހަމައަށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް މިހާރު އައްޔަންކޮށްފައިވާ މެންބަރުން، މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ހަރަހެއް އަދި މެންބަރުކަމުގެ މަގާމުގެ ސައްހަކަމާ މެދު ގަވާއިދާއި އުސޫލުތަކުގެ ތެރެއިން އެއްވެސް ސުވާލެއް އުފައްދާނެ ޖާގައެއް ނެތް ކަމަށެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ އިންތިހާބު އަންނަ މަހުގެ 31ގައި ބޭއްވުމަށް މަސައްކަތްކުރަމުންދާ އިރު، މިއަދު ކޮމިޝަނާ އޮފް ސްޕޯޓްސްއިން ވަނީ އެ މަސައްކަތްތައް ހުއްޓައިލުމަށް އަންގައިފައެވެ.

comment ކޮމެންޓް