މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް ހޯދަނީ

މިފްކޯއިން އަލަށް ގެނައި ބޯޓުން މަސްކިރަން ފެށުން -- ފޮޓޯ/ މިފްކޯ

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލު ކުރުމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

މަސްވެރިން ތަމްސީލު ކުރާނެ ފަރާތެއް މިފްކޯގެ ބޯޑުގައި ހިމަނަން މިއަދުން ފެށިގެން ހުޅުވައިލައިފައިވާކަން މިނިސްޓްރީންވަނީ އިއުލާންކޮށްފައެވެ.

އެ މިނިސްޓްރީން ބުނާ ގޮތުގައި މަސްވެރިން ތަމްސީލު ކުރުމަށް ބޯޑަށް ކުރިމަތިލާ ފަރާތުގެ ވަކި ޚާއްސަ ޝަރުތުތަކެއް ހުންނަން ޖެހޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދިވެހި ރައްޔިތަކު ކަމުގައި ވުން
  • މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވާ ފަރާތަކަށްވުން
  • އުމުރުން 18 އަހަރުވެފައިވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށް ވުރެއ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުމާއި، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބި މާފު ކުރެވުނުތާ ފަސް އަހަރުވެފައިވާ މީހެއް ކަމުގައިވުން.

މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލު ކުރުމަށް އެދޭ މީހުން އެކަމަށް އެދި ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އަދި އެ ފޯމާއެކު އެ މަގާމަށް ކުރިމަތިލާ ފަރާތަކީ މި ވަގުތު މަސްވެރިކަން ކުރާ ފަރާތެއްކަން ބަޔާން ކުރާ ރަށު ކައުންސިލު ނުވަތަ ސިޓީ ކައުންސިލުގެ ލިޔުމެއް ހުށަހަޅަން ޖެހެއެވެ.

އޭގެ އިތުރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ ކޮޕީއެއް އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފައިވާއިރު މި މުއްދަތު ހަމަވާނީ އަންނަ މަހުގެ 11ވަނަ ދުވަހުގެ މެންދުރު 13:30 ނިޔަލަށެވެ.

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަކީ މި ސަރުކާރުގެ ހަފުތާ 14ގެ ޕްލޭނުގައި ހިމަނައިފައިވާ ކަމެކެވެ.

މިފްކޯއަކީ ވަރަށް ބޮޑަށް ދަރަނި އޮތް ކުންފުންޏެކެވެ. އެގޮތަށް އެކަން ދިމާވަނީ ދުނިޔޭގެ މާކެޓަށް ވުރެން އަގުބޮޑުކޮށް ދިވެހި މަސްވެރިންގެ އަތުން އެ ކުންފުނިން މަސް ގަންނަން ޖެހޭތީއެވެ.

ކުރިން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯ ވަނީ ރައީސް މުޢިއްޒުގެ ވެރިކަމަށް ފަހު ވަކިން ހިންގާ ކުންފުންޏަކަށް ވެސް ބަދަލު ކޮށްފައެވެ.

comment ކޮމެންޓް