އެމްއޭސީއެލްއިން ތައްޔާރުކުރި މި ފެށޭ އަހަރުގެ ކަަލަންޑަރު އިފްތިތާހުކޮށްފި

ކަަލަންޑަރު އިފްތިތާހުކުރުމުގެ ތެރޭން--ފޮޓޯ/ އެމް.އޭ.ސީ.އެލް

އޯޓިޒަމް ކުދިންގެ ހުނަރު ދައްކުވައިދޭ ގޮތަށް ފަރުމާކޮށްގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ތައްޔާރުކޮށްފައިވާ މި ފެށޭ އަހަރުގެ ކަަލަންޑަރު މިއަދު އިފްތިތާހުކޮށްފިއެވެ.

މޯލްޑިވްސް އޯޓިޒަމް ސެންޓަރުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ކަލަންޑަރު ނެރެދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ތާހާއެވެ.

އެމްއޭސީއެލާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން ގުޅިގެން ތައްޔާރުކުރި މި ކަލަންޑަރުގައި ހިމަނައިފައިވަނީ އެ ސެންޓަރުގެ ދަރިވަރުންގެ ކުރެހުންތަކެވެ.

ކުދިންގެ ބައެއް ކުރެހުންތައް--ފޮޓޯ/އެމް.އޭ.ސީ.އެލް

2024ވަނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންގެ ހުނަރުތައް ދައްކައިލަން ޚާއްސަކުރި މައިގަނޑު ސަބަބަކީ މިފަދަ ކުދިންނަކީ ވެސް ތަފާތު ހުނަރުތައް ހުރި ކުދިންކަން މުޖުތަމައުއަށް އަންގައިދިނުންކަމަށް އެމްއޭސީއެލުން ބުނެއެވެ.

އަދި އެ ކުދިންނަކީ ތަފާތުތަކާއެކު ވެސް މުޖްތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަށާއި މުޖްތަމައުގައި އެ ފަދަ ކުދިންނާ މެދު ދެކޭގޮތް ރަނގަޅު ކުރުން ކަމަށް ވެސް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޠާހާ ވިދާޅުވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުންތައް އެމްއޭސީއެލްގެ ކަލަންޑަރުގައި ހިމެނުމަކީ އެހެން ހުރިހާ އަހަރުތަކަށްވުރެ މި ފެށޭ އަހަރުގެ ކަލަންޑަރު ޚާއްސަވާ ސަބަބެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ އެ ކުދިންނަށް އެ ކުދިންގެ ހުނަރާއި ގާބިލްކަން ދައްކާނެ ފުރުސަތު ފަހިކޮށްދިނުން. މުޖުތަމައުން އެ ކުދިން ބަލައިގަންނަކަން ރަމްޒުކޮށްދިނުން. މިކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވި ކަމަށް ޓަކައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ޝުކުރު ދަންނަވަން،" ޠާހާ ވިދާޅުވިއެވެ.

މި ކަލަންޑަރު ފަރުމާކޮށްފައިވަނީ "ހިތްހަމަޖެހުމާއި އުފާވެރިކަން" މި މައުޟޫއަށް ކުދިން ކުރަހައިފައިވާ ކުރެހުންތަކަށެވެ. އެ ކުރެހުންތަކުގައި އެ ކުދިން އެންމެ އުފާވާ ކަންކަމުގެ ޝުއޫރުތައް ގެނެސްދީފައިވެއެވެ.

comment ކޮމެންޓް