ނަވާޒް ޝަރީފް ހަތަރުވަނަ ދައުރެއް ހޯއްދަވާނެ: ޕާޓީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް -- ފޮޓޯ/ދަ ޑިޕްލޮމެޓިސްޓް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވެރިކަމުގެ ހަތަރުވަނަ ދައުރެއް ހޯއްދަވާނެ ކަމަށް އެ މަނިކުފާނުގެ ޕާޓީން ބުނެފިއެވެ.

ކުރިއަށް އޮތް އެ ގައުމުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަދި ބޮޑުވަޒީރުގެ އޮފީހުގައި އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާނީ ނަވާޒް ޝަރީފްކަން ވެސް ޕާޓީން ވަނީ ބުނެފައެވެ.

ތިން ފަހަރެއްގެ މަތިން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފް ވަނީ ޚިޔާނާތުގެ ތުހުމަތުގައި ކުރި ޖަލު ހުކުމް ތަންފީޒު ނުކުރައްވައި، އިނގިރޭސިވިލާތުގެ ޙިމާޔަތް ހޯއްދަވައިގެން ހުންނެވުމަށް ފަހު އޮކްޓޯބަރު މަހު ޕާކިސްތާނަށް އެނބުރި ވަޑައިގެންފައެވެ.

ނަމަވެސް އެނބުރި ވަޑައިގަތުމަށް ފަހު ޚިޔާނާތުގެ މައްސަލަ އިސްތިއުނާފު ކުރެއްވުމުން އެ މަނިކުފާނުގެ މައްޗަށް އިއްވި ހުކުމްތައް ބާތިލުކޮށް، ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޙައްޤުވަނީ ލިބިފައެވެ.

ނަވާޒު ޝަރީފް ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަތީ 2017 ވަނަ އަހަރު ކުރި ޚިޔާނާތުގެ ދަޢުވާއާ ގުޅިގެންނެވެ. އޭގެ ފަހުން ލަންޑަނުން އަގު ބޮޑު ގެއެއް ބައްލަވައިގެން މައްސަލައިގައި 2018 ވަނަ އަހަރުގެ ޖުލައި މަހު އެ މަނިކުފާނު ވަނީ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އިތުރު މައްސަލައަކާ ގުޅިގެން އެ އަހަރުގެ ޑިސެމްބަރު މަހު އިތުރު ހަތް އަހަރުގެ ޖަލު ޙުކުމެއް ނަވާޒު ޝަރީފުގެ މައްޗަށް ވަނީ އިއްވައިފައެވެ.

އިންތިޚާބުގައި ނަވާޒު ޝަރީފުގެ ވާދަވެރިޔާ ޢިމްރާން ޚާން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ނަމަވެސް އިންތިޚާބުގައި ވާދަކުރަން ނިންމަވާފައިވާކަން ޢިމްރާން ޚާން ވެސް ވަނީ ޢިއުލާނުކުރައްވައިފައެވެ.

މިދިޔަ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓެއްގައި ޢިމްރާން ޚާން މަގާމުން ދުރުކުރި ނަމަވެސް އެ މަނިކުފާނަށާއި ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު ޕާކިސްތާނުގައި އެބަތިއްބެވެ.

comment ކޮމެންޓް