އާލިއާގެ ފިލްމީ ކެރިއަރު ފެށުނީ 'ހައިވޭ'އިން

ބަތަލާ އާލިއާ ބަޓް

މީގެ 11 އަހަރު ކުރިން ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަ"އިން ބޮލީވުޑަށް ނުކުތް ބަތަލާ އާލިއާ ބަޓްގެ ފިލްމީ ކެރިއަރުގެ ހަޤީޤީ ފެށުމަކީ، 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ހައިވޭ" ކަމަށް ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފިއެވެ.

އާލިއާ ފިލްމީ ދާއިރާއަށް ތަޢާރަފުވީ ކަރަންގެ ދަރުމާއިން ގެނެސްދިން "ސްޓޫޑެންޓް އޮފް ދަ އިޔަ"އިން ކަމަށް ވިޔަސް ބަތަލާގެ ކިބައިގައި ހުރި އެކްޓު ކުރުމުގެ ހުނަރު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ ފަޚުރު ހޯދީ ޑައިރެކްޓަރު އިމްތިޔާޒް އަލީ ކަމަށް ކަރަން ވަނީ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައެވެ.

މި އަހަރުގެ ޖުލައި މަހު ރިލީޒްކުރި ކަރަންގެ ފިލްމު "ރޮކީ އޯރް ރާނީ"އަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ފިލްމުގެ ލީޑު ތަރިން ކަމަށްވާ އާލިއާ އަދި ރަންވީރަށް ހާއްސަކޮށް ކަރަން ވަނީ ވަރަށް ހާއްސަ ދިގު މެސެޖެއް އިންސްޓަގްރާމް ޕޯސްޓަކާ އެކު އާއްމުންނާ ހިއްސާކޮށްފައެވެ.

ބަތަލާ އާލިއާ ބަޓްއަކީ ދަރުމާއިން ހިންދީ ސިނަމާއަށް ނެރުނު ވަރަށް އަގުހުރި ތަރިއެއް ކަމަށާއި ފިލްމީ ކެރިއަރުގައި މިހާތަނަށް ހޯދަމުން އައި ކާމިޔާބީއާ އެކު ދިރިއުޅުމުގައި މިއަދު އާލިއާ ހުރި މަގާމާ މެދު ކަރަން ފަޚުރުވެރިވާ ކަމަށް މި ޕޯސްޓުގައި ވަނީ ބުނެފައެވެ.

ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަ"ގެ ސެޓަށް އާލިއާ ނުކުތް ފުރަތަމަ ދުވަހު ވެސް ދަރުމާއިން އަތްފުނާ އަޅަމުން އައި ރާނީ އެ ޕްރޮޑަކްޝަން ހައުސްއަށް ލިބުނުކަމުގެ ހިތްހަމަޖެހުން ޕްރޮޑިއުސަރަށް ލިބުނު ކަމަށް މި ދިގު ޕޯސްޓުގައި ވަނީ ބުނެފައެވެ. ފިލްމު "ރޮކީ އޯރް ރާނީ"ގައި ރަންވީރު ސިންގް ކުޅުނު ރޯލަށް ތައްޔާރުވުމަށް އެކްޓަރު ކުރި ބުރަ މަސައްކަތް ވަރަށް ގާތުން ފެނުނުކަން ފާހަގަކޮށް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ރަންވީރު ފަދަ ޒުވާން އެކްޓަރުން މިއަދު ސިނަމާގައި މަދު ކަމަށް "އޭ ދިލްހެ މުޝްކިލް"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ބަތަލާ އާލިއާ ބަޓް ފިލްމު "ހައިވޭ"ގެ މަންޒަރެއްގައި-- ފޮޓޯ/ އިންޓަނެޓް

ބަތަލާ އާލިއާ ބަޓްގެ އިތުރުން އެކްޓަރު ރަންދީޕް ހޫޑާ މުހިއްމު ރޯލުތަކުން ފެނުނު ފިލްމު "ހައިވޭ" އަކީ ރޯޑް ޑްރާމާ ފިލްމެކެވެ. ޕްރޮޑިއުސަރު ސާޖިދް ނަދިއާދްވާލާގެ ފިލްމު ކުންފުނިން ގެނެސްދިން މި ފިލްމުން އާލިއާއަށް އެ އަހަރުގެ ފިލްމު ފެއަ އެވޯޑްގެ އެންމެ މޮޅު ބަތަލާގެ ކްރިޓިކްސް އެވޯޑް ވަނީ ލިބިފައެވެ.

މި ފިލްމަށް ފަހު އާލިއާ ފަސް އެނބުރި ބެލުމެއް ނެތި އަންނަނީ ހިންދީ ސިނަމާ ފަތަޙަކުރަމުންނެވެ. މި އަހަރު ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދިން ޤައުމީ އެވޯޑްގެ ހައްގު ވެރިޔާ އަންނަނީ "ޖިގްރާ"ގެ ނަމުގައި ފިލްމެއް ކުޅެމުންނެވެ. މި ފިލްމަކީ އާލިއާ ޕްރޮޑިއުސަރެއްގެ ދައުރު ވެސް އަދާކުރާ ފިލްމެކެވެ.

comment ކޮމެންޓް