އެމްއައިބީގެ ސޭލްސް ސެންޓަރު ކުޑަހުވަދުއާއި މަހިބަދުއަށް

އެމްއައިބީގެ ސޭލްސް ސެންޓަރު ދ. އަތޮޅު ކުޑަހުވަދުއާއި އދ. އަތޮޅު މަހިބަދޫގައި ވަނީ ހުޅުވާފަ -- ފޮޓޯ/ އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ސޭލްސް ސެންޓަރު ދ. އަތޮޅު ކުޑަހުވަދުއާއި އދ. އަތޮޅު މަހިބަދޫގައި ހުޅުވައިފިއެވެ.

ދ. ކުޑަހުވަދޫ ސޭލްސް ސެންޓަރު ހުޅުވައިދެއްވީ ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީއެވެ. އަދި އދ. މަހިބަދޫ ސޭލްސް ސެންޓަރު ހުޅުވައިދެއްވީ މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީއެވެ.

އެ ސެންޓަރުތަކުން ފައިސާ ޖަމާކޮށް ނެގުމުގެ ޚިދުމަތް ލިބޭނެއެވެ. މުސްތަގުބަލުގައި އެ ސެންޓަރުތަކުގެ ޚިދުމަތް ފުޅާ ކުރާނެ ކަމަށް އެމްއައިބީއިން ބުންޏެވެ.

އެމްއައިބީގެ ގިނަ ޚިދުމަތްތައް އޮންލައިންކޮށް އެޕްލައިނައު މެދުވެރިކޮށް ލިބެއެވެ. އެހެން ނަމަވެސް އެއްވެސް ދަތިކަމެއް ނުވަތަ އެހީއެއް ބޭނުންވާ ނަމަ އެ ސެންޓަރުތަކުގެ މުވައްޒަފުންގެ އެހީ ހޯދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެމްއައިބީ ސޭލްސް ސެންޓަރެއް ވަނީ ބ. އޭދަފުށީގައިވެސް ވަރަށް ފަހުން ހުޅުވާފައެވެ. އަދި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މިފަދަ ސާވިސް ސެންޓަރުތައް ހުޅުވުމުގެ މަސައްކަތް ބޭންކުން މިހާރު ވެސް ކުރަމުން އަންނަ ކަމަށް އެމްއައިބީން ބުންޏެވެ.

comment ކޮމެންޓް