އައްޑުއަށް ކުރަމުންދާ ވިއްސާރައިގައި 61 ގެއަކަށް ގެއްލުންވެއްޖެ

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ މަގެއްގައި ފެންބޮޑުވެފައި ---- ފޮޓޯ/ އެކްސް/އައްޑޫ އެކްސް ފައިލްސް

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައިި ތިން އަވަށަކުން 61 ގެއަކަށް ފެންވަދެ، ގެއްލުންވެއްޖެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެންބޮޑުވެ، ގެއްލުންވެފައި ވަނީ ފޭދޫގެ 41 ގެޔަކަށާއި އާއި ހުޅުދޫގެ 10 ގެޔަކަށާއި މީދޫގެ 10 ގެޔަކަށް ކަމަށެވެ.

މީދޫގެ ބައެއް ގެސްޓްހައުސްތަކާއި ފިހާރަތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި ސިފައިންނާއި އެެހެނިހެން ފަރާތްތައް ގުޅިގެން ފެން ހިއްކުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މިއަދު މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮތީ ފުވައްމުލައް ސިޓީން ފެށިގެން އައްޑޫ ސިޓިއާ ހަމައަށް 1:20އިން ފެށިގެން 3:20އާ ހަމައަށް އޮރެންޖު އެލާޓެއް ނެރެފައެވެ.

އޮރެންޖު އެލާޓަކީ މޫސުން ގޯސްވެ، ގުގުރުމާ އެކު ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް، ސަމާލުވާން ނެރޭ އެލާޓެކެވެ.

މިއީ ސްކޫލް ބަންދު ދުވަސްތައް ކަމުން ގިނަ ބަޔަކު އަންނަނީ އެކި ހިސާބުތަކަށް ދަތުރު ކުރަމުންނެވެ. އަދި، ކުރިއަށް ހަފުތާ ބަންދު އޮތުމުން އެ ދުވަސްތަކުގައި ގިނަ ބަޔަކު ދަތުރުތައް ކުރާނެއެވެ.

އެހެންކަމުން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް