ވެރި ރަށް މާލޭގެ މަލަމަތި ދަބަރަށްވެފައި!

ސިނަމާލެ ބްރިޖުގެ އެންޓްރެންސް އާކް ދަބަރަށްވެފައި -- ފޮޓޯ: ސަން/ މުޙައްމަދު ނާއިލް ޙަފީޒް

ވެރިރަށް މާލެއަކީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫތައް ހުރި ތަނެވެ. ދައުލަތުގެ މާލިއްޔާއިން އެތައް މިލިއަން ރުފިޔާއެއްގެ ބުރަ އުފުލައިގެން މި ބިޔަ މަޝްރޫއުތައް ހިންގައި ނިންމަނީ އެތައް އަހަރެއް ހޭދަކޮށްގެންނެވެ.

ނަމަވެސް މި ތަންތަން ވީރާނާވެ، ނެތިދަނީ، އެ ތަރައްގީކުރަން ހޭދަކުރާ މުއްދަތަށްވުރެ މާ އަވަހަށެވެ. މި މާލޭގެ މަލަމަތިން ފެންނަން ހުރި ތަރައްގީގެ ބިޔަ މަޝްރޫއުތަކުގެ ހާލަތު ހުރި ގޮތުން ވެސް އެ ކަން ވަރަށް ސާފެވެ.

ސިނަމާލެ ބްރިޖުގެ އެންޓްރެންސް އާކް ދަބަރަށްވެފައި -- ފޮޓޯ: ސަން/ މުޙައްމަދު ނާއިލް ޙަފީޒް

އޭގައި ހުރި އަކުރުތަކަކީ ކުރިން، ރޭގަނޑު ދިއްލޭ އަކުރުތަކެއް ނަމަވެސް، މިހާރު އެ ނުދިއްލައެވެ. އަކުރުތައް ހުރީ ދަބަރު ޖަހައި، ހަލާކުވެފައެވެ.

ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ދޭތެރެއަކުން ކުރި ނަމަވެސް، މި އާކްގެ މަރާމާތް އެންމެ އެދެވޭ ގޮތެއްގައި ކުރެވޭ ތަނެއް ނުފެނެއެވެ.

ހަމައެއާއެކު ރަސްމީ އިއްޒުއްދީން ފާލަމުގެ ހާލަތު ވެސް އެހައި ގޯހެވެ.

ބޯމަތީ ހިޔާކުރަން، ރިޔަލު ދޯންޏެއްގެ ބައްޓަމަށް ހަދައިފައި ހުރި ސްޓްރަކްޗާ ވެސް ހުރީ ދަބަރަށްވެ ބަލިކަށިވެފައެވެ.

އިއްޒުއްދީން ފާލަމުގެ ހިޔާކޮށްފައިވާ ތަނުގެ މަތި -- ފޮޓޯ: ސަން/ މުޙައްމަދު ނާއިލް ޙަފީޒް

މިއީ އެ ކަމަކު އިއްޒަތްތެރިންނާއި، މުއްސަނދިން ލަފާ ފުރައި ފާލަމެވެ. މާލެ ޒިޔާރާތްކުރާ ގިނަ މެހުމާނުންނަށް މަރުހަބާ ކިޔާ، މާލޭގެ މޫނުމައްޗަށް ބަލައިލުމުން ފެންނަ ނުތަނަވަސް މަންޒަރުތަކެވެ.

މީގެ އިތުރުން ސަލްޓަން ޕާކުގައި ހުރި ވިންޓާ ތީމް ޕާކާއި، މި ނޫނަސް މުހިންމު މަސައްކަތްތައް ގެއްލިފައި އެބަހުއްޓެވެ. މައިޒާންތައް ވެސް ރަނގަޅަށް ނުބެލެހެއްޓި ހަލާކުވާން ދޫވެފައިވަނީއެވެ. މެއިންޓެނެންސް މަސައްކަތް ނުކުރެވި ދޫވުމަކީ މިކަމުގެ އަސްލެވެ.

ހަމައެއާއެކު މާލޭ އިންޑަސްޓްރިއަލް ޒޯނު ވެސް އޮތީ 'ކުނި'ވެފައެވެ. އެ ތަނުގެ އެންމެ އެދެވޭ ބޭނުމެއް އެ ތަން ހިއްކުމަށްފަހު މިއަދާ ހަމައަށް ވެސް ހިފިފައިނުވާއިރު، ރަނގަޅު ސާފުތާހިރުކަމެއް ވެސް އެ ސަރަހައްދުގައި ނެތެވެ.

މެއި 24، 2020: "ތޫފާނު"ގެ ތެރެއިން އައި ހިމޭން ފިތުރު އީދު 1441 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސައްކަތްތަކުގެ މެއިންޓެނެންސާ ގުޅޭގޮތުން "ސަން"އިން ސުވާލުކުރުމުން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ކޮންމެ މަސައްކަތެއް ވެސް މެއިންޓެއިންކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ދިމާވާ އެންމެ ބޮޑު ދަތި ކަމަކީ، އެ ކަމަށް ޚާއްސަ ބަޖެޓު ހޯދަން ދަތިވުމާއި، އެ ކަމަށް ބޭނުންވާ ފަންނީ މީހުން މަދުވުންކަމަށް އެ މިނިސްްޓްރީން ބުނެފައިވެއެވެ.

އެހެންނަމަވެސް މިނިސްޓްރީ ތެރެއިން ވެސް މަސައްކަތްތަކުގެ މެއިންޓެނެންސްއަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފާހަގަކޮށްފައިވެއެވެ.

މާލޭ ތެރެ ބަލަހައްޓައި، މެއިންޓެނެންސްގެ ކަންކަން ކުރުމަކީ މާލޭ ސިޓީ ކައުންސިލުގެ ޒިންމާއެކެވެ. މަގު ފާރަވެރިންގެ ނަމުގައި ވެސް ސިޓީ ކައުންސިލުގެ ޔުނިޓެއް ހިންގާއިރު، މާލޭގައި ހުންނަ މި ފަދަ ތަންތަން ފާހަގަކޮށް ހޯދަން ޖެހެއެވެ. އަދި އެ ތަންތަން މަރާމާތުކޮށް ރީތިކޮށް ބަލަހައްޓަން ވެސް ޖެހެއެވެ.

މި ކަން ކުރަން ޖެހެނީ ހަމައެކަނި މުނާސަބާއަކަށް ޒީނަތްތެރިކޮށްލުމަކަށް ނޫނެވެ. މިއީ ދެމެހެއްޓެނިވި ތަރައްގީއަށާއި، ފައިސާ އިސްރާފު ކުޑަކުރުމަށް ކުރަން ޖެހޭ ކަމެކެވެ.

comment ކޮމެންޓް