ތައިލޭންޑުގައި ފެންބޮޑުވެ ގިނަ ބަޔަކަށް ގެއްލުންވެއްޖެ

ތައިލޭންޑުގައި މީގެކުރިން ފެން ބޮޑުވެފައި. ފޮޓޯ/ދަ ޓެލެގްރާފް

ތައިލޭންޑްގެ ދެކުނުގައި ފެންބޮޑުވުމުގެ ސަބަބުން މަގުތަކާއި ރޭލު ދަތުރުފަތުރުގެ ނިޒާމު ބުރޫއަރައި، ސްކޫލްތައް ބަންދުކޮށް، ބައެއް އާންމުންގެ ގެދޮރަށް ގެއްލުންވެއްޖެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ތައިލޭންޑުގެ ވަރަށް ގިނަ މީހުންނަށް ވަނީ އަސަރުކޮށްފައެވެ.

ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ މެލޭޝިއާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ އެ ގައުމުގެ އެންމެ ދެކުނުގައި އޮންނަ ނަރަތިވަތު ޕްރޮވިންސަށެވެ. ތައިލޭންޑުގެ ބައެއް ޕްރޮވިންސްތައް ވަނީ ފެންބޮޑުވުމުގެ ސަބަބުން އަޑިއަށް ގޮސްފައިކަމަށް ތައިލޭންޑުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެ ހާދިސާއާ ގުޅިގެން ނަރަތިވަތު ޕްރޮވިންސާއި އަވަށްޓެރި ޔަލާ ޕްރޮވިންސުގައި މަދުވެގެން ދިހަވަރަކަށް ސްކޫލް ބަންދުކުރަން މަޖުބޫރުވެފައިވާއިރު، އެ ސަރަޙައްދު ފެންނަ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި އެ ސަރަޙައްދުގައި ހުރި ފިހާރަތަކާއި ގެތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ.

ފެންބޮޑުވުން އިތުރަށް ގޯސްވެދާނެ ކަމަށް ސަމާލުވެ ތިބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ތައިލޭންޑުގެ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ތައިލޭންޑުގެ އެ ސަރަޙައްދަށް މިދިޔަ ޑިސެމްބަރު މަހުވެސް ވަނީ ފެންބޮޑުވެފައެވެ. އެ ހާދިސާގައި ތިން މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް