ދެވަނަ ޑިވިޝަން ފަށައިފި، ފުރަތަމަ މެޗު މަސްއޮޑިއަށް

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މަހިބަދޫ ކޮޅަށް ގޯލު ޖެހުމަށްފަހު، މަސްއޮޑީގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ މަސްއޮޑި އެސްސީ

ކްލަބުތަކުން ދިގު އިންތިޒާރެއް ކުރަމުންދިޔަ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ފަށައިފިއެވެ.

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތަށް ކުޅުންތެރިން ގެނެސް، ކްލަބުތަކުން ތައްޔާރީތައް ފެށި ނަމަވެސް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މާލީ ހާލަތާ ގުޅިގެން މުބާރާތް ފެށިފައި މިވަނީ، ފުރަތަމަ ތާވަލުކުރެވިފައިވާ ދުވަހަކަށް ނޫނެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި އަހަރުގެ ފުރަތަމަ ޑިވިޝަންގެ ފުރަތަމަ މެޗުގައި މަސްއޮޑި ސްޕޯޓްސް ކްލަބުން ވަނީ ފަސޭހަކަމާއެކު 4-0ގެ ނަތީޖާއަކުން މަހިބަދޫ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.

މަސްއޮޑި އަކީ ދެވަނަ ޑިވިޝަނަށް އެންމެ ބޮޑަށް ތައްޔާރުވި ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެކެވެ.

ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ހުރި ކޯޗު، އަހުމަދު އާތިފް (އާތީ)ގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މަސްއޮޑީގެ ކެޕްޓަނެއްގެ ގޮތުގައި ފެނުނީ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް ކްލަބުގެ އިތުރުން ގައުމީ ފުޓުބޯޅަ ޓީމުން ވެސް ވިދާލި އިބްރާހިމް ވަހީދު ހަސަން (އިއްބެ)އެވެ.

އޭގެ އިތުރުން ރާއްޖޭގެ ބޮޑެތި ކްލަބުތަކަކުން ރަން ވަނަތަކެއް ހޯދައި، ގައުމީ ޓީމުން ވިދާލި ފުލްބެކް މުހައްމަދު ރަޝީދު (ހޮކޭ) ވެސް ޓީމުން ފެނުނެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި މަސްއޮޑިން ޖެހި ގޯލަކީ، ކްލަބު ވެލެންސިއާއަށް ސޮއިކުރުމާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުނު އިއްބެ ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 38ވަނަ މިނެޓުގައި އިއްބެ ޖެހި ގޯލަށްފަހު، މެޗުގެ 73ވަނަ މިނެޓުގައި މަސްއޮޑިއަށް ލީޑު ފުޅާކޮށްދިނީ އަބްދުﷲ ޒިޔާން (ޖަންކީ)އެވެ.

ޖަންކީގެ ގޯލު ފެނުނުތާ ދެ މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން މަސްއޮޑީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިސްލާމް ފެކްރީ ގަބަލާ ޒެއިދާއެވެ. އަދި މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި މަސްއޮޑީގެ ހަތަރުވަނަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފެވެ.

އެ މުބާރާތުގައި މިއަދު ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު 3:50ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކްލަބާއި ޓެންޓް ސްޕޯޓްސް ކްލަބެވެ.

އެފްއޭއެމުން ނިންމާފައިވަނީ އެހެން އަހަރުތަކެކޭ ހިލާފަށް ދެވަނަ ޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރަޕަށް އިތުރު ކޮލިފައިން ބުރެއް ކުޅުމެއް ނެތި ފުރަތަމަ ޑިވިޝަނަށް ފުރުސަތު ދިނުމަށެވެ.

ނަމަވެސް މި ފަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓުވާނެ ޓީމުތަކުގެ އަދަދެއް އެފްއޭއެމުން ހާމަކޮށްފައެއް ނުވެއެވެ.

ކްލަބުތަކުގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން ބައެއް ކްލަބުތައް ވާދަކޮށްފައެއް ނުވެއެވެ. އެފްއޭއެމްގެ މާލީ ހާލަތު ވެސް ދަށްވުމާއެކު އެފްއޭއެމުން މި ފަހަރުގެ ލީގު ނިންމާލީ ދެ ބުރެއް ކުޅުމަށްފަހުގައެވެ.

އެހެންކަމުން އަންނަ އަހަރުގެ ލީގުން ދެވަނަ ޑިވިޝަނުން ޕްރޮމޯޓުވާ ދެ ޓީމާއެކު ޖުމްލަ ދިހަ ޓީމު ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މި ފަހަރު 15 ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހައިލައިފައެވެ.

comment ކޮމެންޓް