ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާތީ، ކަރެކްޝަންސްއިން ޔާމީންގެ ލުއިތައް ރިވިއު ކުރަނީ

މިރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --

ބޮޑެތި ލުއިތަކާއެކު ގޭގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުއްވާތީ, އެމަނިކުފާނަށް ދީފައިވާ ލުއިތައް ރިވިއު ކުރާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނެފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބުވެވަޑައިތުމަށްފަހު އެދިލެއްވުމުން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޔާމީން ގޭ ބަންދަށް ބަދަލުކުރައްވާފައެވެ. އެއާއެކު ކަރެކްޝަނުން ދިން ލުއިތަކާއެކު އެމަނިކުފާނު އަންނަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ޕީޕީއެމްގެ ރައީސްކަމުގައި މީގެ ކުރިން ހުންނެވި ރައީސް ޔަމީން އެ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު އަލަށް އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ރޭ އެ މަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްއިން "ސަން"އަށް ބުނީ ޔާމީނަށް ދީފައިވާ ލުއިތައް މިހާރު ރިވިއު ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް ކަރެކްޝަންސްއިން ވަނީ ޔާމީން އެއްބަސްވުމާ ޚިލާފަށް ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާނަމަ އެއްބަސްވުން އުވާލާނެކަމުގެ އިންޒާރު ވެސް ދީފައެވެ.

އޭގެ ފަހުން ވެސް ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއެކު ކަރެކްޝަންސްއިން ވަނީ އެއްބަސްވުމާ ޚިލާފުވިތޯ ބަލަމުންދާ ކަމަށް ބުނެފައެވެ.

މި ފަހުން ޔާމީން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި، މައުލޫމާތު ހިއްސާކުރުމާއި ޕާޓީ އޮފީހަށް ވަޑައިގަތުމަށް ލުއި ދިނުމަށް ކަރެކްޝަންސްގައި އެދިލައްވައިފައެވެ. ނަމަވެސް ކަރެކްޝަނުން ބުނީ ގާނޫނު ތަން ނުދޭތީ އިތުރު ލުއި ދެވެން ނެތް ކަމަށެވެ.

ޔާމީން މިހާރު ތަންފީޒުކުރައްވަމުން ގެންދަވަނީ، ވެރިކަމުގައި ހުންނެވިއިރު ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރުމުގެ ތުހުމަތުގައި އިއްވި ޖަލު ހުކުމެވެ.

އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ނިމުމަކާ ގާތްވެފައިވާއިރު، ދެން އޮންނާނީ ހުކުމްކުރުމެވެ. އެކަމަކު، ހުކުމް ކުރާނެ ދުވަހެއް ހައިކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް