ވެލެންސިއާގެ ޗެއާމަނަކަށް ކުޅިވަރު ނޫސްވެރިޔާ އަޒްމީން އައްޔަންކޮށްފި

ކްލަބު ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކުރި ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން --

ކްލަބު ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމަށް ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން އައްޔަންކޮށްފިއެވެ.

ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން، މައުލޫމާތު ފެތުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު، 2017 ވަނަ އަހަރު ހާސިލުކޮށްފައިވާ އަޒްމީން ވަނީ މީގެ ކުރިން ވެސް ވެލެންސިއާގެ އެކި މަގާމުތައް އަދާކޮށްފައެވެ.

ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމަށް މިހާރު އައްޔަންކޮށްފައިވާ އަޒްމީން ވަނީ މީގެ ކުރިން އެ ކްލަބުގެ ބޯޑު މެންބަރުކަމުގެ މަގާމު ވެސް އަދާކޮށްފައެވެ. އެންމެ ފަހުން އޭނާ ހުރީ އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީކަމުގެ މަގާމުގައެވެ.

ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ރަސްލާން އަދީލް ޖަލީލް އިސްތިއުފާދިނުމާ ގުޅިގެންނެވެ. އޭނާއަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮއްކޮއެކެވެ.

ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކޮށްފައިވާ އަޒްމީން، ކުޅިވަރު ނޫސްވެރިކަމުގެ ތެރޭގައި މަސައްކަތްކުރަން ފެށީ 2000ގެ ކުރީކޮޅުން ފެށިގެންނެވެ. އެކި މީޑިއާތަކުގައި މަސައްކަތްކުރުމުގެ އިތުރުން އޭނާ ވަނީ ކޮމަންޓަރީ ދިނުމުން ވެސް މަޝްހޫރުކަން ހޯދައިފައެވެ.

ކުޅިވަރު ނޫސްވެރިކަމުން އަޒްމީން ދުރަށް ޖެހުނުތާ މިހާރު ދުވަސްތަކެއް ވެފައިވީ ނަމަވެސް، ޕާޓްޓައިމްކޮށް ނޫސްވެރިކަމުން ފެނެއެވެ. އެގޮތުން އެކިއެކި މުބާރާތްތަކުގައި އެނަލިސްޓެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތްކޮށްފައިވެއެވެ.

comment ކޮމެންޓް