ހިންގާ ކޮމިޓީގެ އިތުރު ތިން މެންބަރަކު އިސްތިއުފާ ދިނުމުން ބައްސާމަށް މަގާމު ގެއްލިއްޖެ

އެފްއޭއެމް އިން މިއަދު ބޭއްވި ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމިޓީގެ ތިން މެންބަރަކު އިސްތިއުފާދިނުމާއެކު، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މަގާމު ގެއްލިއްޖެއެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީން މިދިޔަ އޮކްޓޯބަރު މަހު ވަނީ ދެ މެންބަރަކު އިސްތިއުފާދެއްވައިފައެވެ. އެއީ އެފްއޭއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ސީއީއޯ ހުސައިން ޝާފިއު (ކޮއްކީ) އާއި ކްލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) އެވެ.

މިމަހުގެ ކުރީކޮޅު އޭގެ ތެރެއިން އެއް މަގާމަށް އަބްދުﷲ ޝިބާއު (ޝިބާ) އައްޔަންކުރި ނަމަވެސް، އެފްއޭއެމްގެ އާންމު ބައްދަލުވުމަކުން، އާންމު މެންބަރުންގެ ރުހުން ދީފައިނުވުމުން ރަސްމީ ހައިސިއްޔަތު ލިބިފައެއް ނުވެއެވެ.

އެފްއޭއެމްގެ އޮފިޝަލަކު "ސަން"އަށް ކަށަވަރުކޮށްދިން ގޮތުގައި ހިންގާ ކޮމިޓީގެ އިތުރު ތިން މެންބަރެއްގެ އިސްތިއުފާ ސިޓީ، މިމަހުގެ 15 ވަނަ ދުވަހު ވަނީ ފޮނުވައިފައެވެ. އިސްތިއުފާދެއްވި މެންބަރުންނަކީ ޓީސީ ސްޕޯޓްސް ކްލަބުގެ ހިންގުމުގައި އިސްކޮށް އުޅުއްވާ އަހުމަދު ނަޝީދު (ޑޭވް) އާއި އާމިނަތު ޝާނީޒް އަދި މުހައްމަދު ޝިފާއުއެވެ.

އެފްއޭއެމުން މިއަދު އިސްތިއުފާގެ ސިޓީތައް ބަލައިގެންފައިވުމުން މިހާރު އެފްއޭއެމްގެ ހިންގާ ކޮމިޓީގައި ބައްސާމް ހިމެނޭހެން ތިބީ ހަތަރު މެންބަރުންނެވެ. އެހެންކަމުން ބައްސާމާއެކު ދެން ބާކީ ހިމެނޭ މެންބަރުންނަށް ވެސް ވަނީ މަގާމު ގެއްލިފައެވެ. އެފްއޭއެމްގެ ހިންގާ ކޮމިޓީ އެކުލެވިގެންވަނީ ޖުމުލަ ނުވަ މެންބަރުންގެ މައްޗަށެވެ.

ބައްސާމަށް މަގާމު ގެއްލިފައިވާ އިރު، އެފްއޭއެމުން ވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ވެސް އިއުލާންކޮށްފައެވެ. ނަމަވެސް އެ އިންތިހާބުގައި ބައްސާމް ވާދަނުކުރައްވާނެކަން ވަނީ އިއުލާންކުރައްވައިފައެވެ.

comment ކޮމެންޓް