ވިލިމާލޭގެ ކަރަންޓު އަޕްގްރޭޑުކުރަން ސްޓެލްކޯއާ އެކު އެއްބަސްވުމެއް

ވިލިމާލޭގެ ކަރަންޓު އަޕްގްރޭޑުކުރަން ސްޓެލްކޯއާ އެކު އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ/ ތިމާވެއްޓާ ބެހޭ ވުޒާރާ

ވިލިމާލޭގެ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމުގެ މިހާރުގެ ހާލަތު ދެނެގަނެ، އެ ދެ ނިޒާމު އަޕްގްރޭޑްކޮށް މަރާމާތުކުރަން އެކްޝަން ޕްލޭންތައް އެކުލަވައިލަން ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއާ އެކު އެންވަޔަރަމެންޓް މިނިސްޓްރީން ދެ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހިމެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީނެވެ.

މި ދެ މަޝްރޫއު ކުރިއަށް ގެންދަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

މި އެއްބަސްވުންތަކުގެ މަގުސަދަކީ، މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރަން ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމެވެ. އަދި، ކުރިއަށް އޮތް ތަނުގައި ޑިމާންޑު އިތުރުވާނެ މިންވަރު ދަނެގަނެ، މި ދެ ނިޒާމުގެ އެކި މަރާމާތުތަކަށާއި އަޕްގްރޭޑް ކުރުމަށް ބޭނުންވާ މަަޝްރޫއެއް އެކުލަވާލައި ތަންފީޒުކުރާނެގޮތުގެ އެކްޝަން ޕްލޭނެއް ވެސް އެކަށައެޅުމެވެ.

މި އެއްބަސްވުންތަކުގެ ދަށުން ސްޓެލްކޯގެ ޒިންމާތަކުގެ ތެރޭގައި ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓް ޑިމާންޑް ސްޓަޑީއެއް ހެދުމާއި، ވިލިމާލޭގެ އިންފްރާސްޓްރަކްޗާގެ ހާލަތު ދިރާސާކުރުން ހިމެނެވެ.

މި ދިރާސާތަކުގެ އަލީގައި އިންފްރާސްޓްރަކްޗާގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭ މިންވަރު ކަނޑައަޅައި، މަރާމާތު ކުރުމާއި އަޕްގްރޭޑްކުރުމަށް ބޭނުންވާ އިންވެސްޓްމެންޓްގެ އަދަދު ކަނޑައަޅައި، މަޝްރޫއެއް އެކުލަވާލައި ތަންފީޒުކުުރާނެ ގޮތުގެ ޕްލޭނެއް ހުށަހަޅަން ޖެހޭނެއެވެ.

comment ކޮމެންޓް