ޝަރުތާ ޚިލާފުވުމުން ޔުނާން އަލުން ބަންދުކޮށްދޭން ޕީޖީއިން އެދިއްޖެ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ މުހައްމަދު ޔުނާން --

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީތަރި މުހައްމަދު ޔުނާން, ތިން އަހަރު ފަހުން ޖަލު ބަންދުން ދޫކޮށްލިތާ މާ ގިނަ ދުވަހެއް ނުވެ އަލުން ބަންދުކޮށްދޭން އެދިއްޖެއެވެ.

ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޔުނާން ބަންދުކޮށްދޭން ޕީޖީ އޮފީހުން ހައިކޯޓުގައި އެދުނީ މިދިޔަ އާދިއްތަ ދުވަހުކަމަށެވެ.

އޭނާ އަލުން ބަންދުކޮށްދޭން އެދުނީ، ކޯޓުން ދޫކޮށްލިއިރު ކުރި ޝަރުތުތަކާ ޚިލާފުވެފައިވާތީ ކަމަށް މައުލޫމާތު ދީފައިވެއެވެ.

ޔުނާނާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެއަށްފަހު މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

އޭނާ ޖަލު ބަންދުން ދޫކޮށްލީ ހައްޔަރުކުރިތާ ތިން އަހަރު ފަހުން މި މަހު 14ގައެވެ.

ޔުނާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް އެންމެ މަދުވެގެން ޖުމްލަ 110 ނުވަތަ ގިނަވެގެން ޖުމްލަ 133 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޔުނާންއަށް ކުރި ދައުވާތައް:

  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ދެ ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ ދެ ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ
  • އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
  • އޮރިޔާންކާޑު ގެންގުޅުމުގެ ދެ ދައުވާ
comment ކޮމެންޓް