ހިއްކަނީ ހުސް ސޭފް އައިލޭންޑް، ކާރިސާއަކުން ހަމަ އަސަރެއް ނުކުރާނެތަ؟

ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އާބަންކޯ

ފުރަތަމަ ވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް އެބައޮތެވެ. އެއީ އެ ކަމެއްގެ ގުދުރަތީ ދިފާއުގެ ނިޒާމު ނެތިކޮށްލުމަށްފަހު ދެން ހިއްކައިގެން އާޓިފިޝަލްކޮށް ތައްޔާރުކުރާ ދިފާއެއް އެއީ ރައްކަލުގެ ގޮތުން އެތައް ގުނައެެއް ބާރު ދަށްވާނެ ކަމެއް ކަމެވެ.
މިއަދު މީގެ 19 އަހަރު ކުރީގެ ސުނާމީ ކާރިސާއާ މެދު ވިިސްނައިގެން ރާއްޖޭގެ ރަށްތައް ތަރައްގީކުރަން ފަށައިފައިވާއިރު ވިސްނުން ބައްޓަން ކުރާ ގޮތް މުޅިން ތަފާތެވެ. ބިޔަ ރާޅާއި، އުދައާއި މޫސުމީ ކާރިސާތަކުން ސަލާމަތްތެރިކަން ހޯދޭނެހެންކަމަށް ބުނެ އާޓިފިޝަލް ރަށްރަށް ބޮޑުކުރަން، ފަޅާއި، ފަރާއި ގިރިތައް އުސްކޮށް ވެލި އަޅައި ހިއްކަނީއެވެ.

އެތައް މީޓަރެއް އުސްކޮށް ރަށްރަށް ހިއްކި ނަމަވެސް، ހަމަ ދެން ވެސް އަތުވެދާނެ ގުދުރަތީ ކާރިސާއަކުން އެ ފަދައިން ގެންނަ އާޓިފިޝަލް ތަރައްގީއަކުން ހެޔޮ ނަތީޖާއެއް ފެނިދާނެތޯ ސުވާލު އުފެދެއެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ --

"ސޭފް އައިލެންޑް ތި ބުނާހާ ސޭފެއް ނޫން"

ދެހާސް ހަތަރުވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް އެންމެ ބޮޑަށް ގެއްލުންވާން މެދުވެރިވި ސަބަބަކީ ރަށްރަށުގެ ބިން ތިރިވުމެވެ. ކަނޑުގެ ލޮނުގަނޑުން ބޮޑު ރާޅެއް އައިސް، ރަށް ދޮވެލައިގެން ދާން ކިތަންމެހާ ވެސް ފަސޭހައެވެ.

ކަނޑުގެ ލޮނުގަނޑުން، ފެށިގެން މައްޗަށް ރާއްޖޭގެ ރަށްތަކުގައި ހުންނަނީ އެންމެ ދެ ތިން މީޓަރެވެ.

މިސާލަކަށް، ސުނާމީ ކާރިސާގައި ތ. ވިލުފުށި އެއްކޮށްހެން ދޮވެލެވި، ހަލާކުވީ ގޮތް ވަރަށް ސާފެވެ.

މިއީ ރާއްޖޭގެ ގުދުރަތީ ރަށްތަކާއި، ހިއްކާ ރަށްތަކުގެ ސަލާމަތް ޔަގީންކުރަން އިތުރު މަސައްކަތްތަކެއް ފެށުނު ކަމެކެވެ.

ސުނާމީއަށްފަހު ވީރާނާވެފައި އޮތް ތ. ވިލުފުށި ހިއްކައި ތަރައްގީކުރަނީ --

ސޭފް އައިލެންޑްގެ ނަމުގައި ހިއްކާ ބިން އުސްކޮށް، މެދަށް ވަކި އުސްމިނެއް ގެނެސް ރަށްތައް ހިއްކަން ފެށުނު ހިސާބަކީ މިއީއެވެ. ހުޅުމާލެ ހިއްކުމާއި، ވިލުފުށި އަލުން ހިއްކައި ތަރައްގީކުރެވުނީ ސޭފް އައިލޭންޑުގެ އެ ކޮންސެޕްޓަށެވެ.

ނަމަވެސް "ތިމާވެށީގެ ގޮތުން ބަލާނަަމަ ހުޅުމާލެއަކީ ވަރަށް ބޮޑު ގެއްލުމެއްކަމަށާއި އެ އަގުކުރާނެ ބަޔަކު ނެތް،" ކަމަށް ސޭވް މޯލްޑިވްސް ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ތިމާވެށީގެ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) ދެކެއެވެ.

އޭގެ ބައެެެއް ސަަބަބުތަކަކީ، ކަނޑުގެ ލޮނުގަނޑު ހަމަ އުފުލިގެން އައުމެވެ. އަދި ދުނިޔެ ހޫނުވުން އިތުރުވުމެވެ. އަދި ގުދުރަތީ ވެއްޓަށް އެހައި ބޮޑު ބަދަލެއް ގެނައުމުން ގުދުރަތީ ކާރިސާއެއްގައި ވެސް ލަފާކުރަން ނޭނގޭ ބަދަލުތަކެއް މެދުވެރިވުމެވެ.

ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްގަފޫރު (ހުމޭ) --

އެގޮތުން އދ. އިން މި އަހަރު ނެރުނު ކްލައިމެޓް ރިޕޯޓު ބުނާ ގޮތުން، ދުނިޔޭގައި ކަނޑުގެ ލޮނުގަނޑު އުސްވަމުން އަންނަ އާދަޔާ ޚިލާފު ބާރު މިނާއެކު، އެވްރެޖުކޮށް 4.62 މިލިމީޓަރު، 2013 އާއި 2022އާ ދެމެދު އުފުލިފައިވެއެވެ. މިއީ ރާއްޖެ ފަދަ ބިން ތިރި ގައުމުތަކަށް ވެސް މިއަދު ނުވަތަ މާދަން ނޫނަސް، މި ކަމުގެ ނުރައްކާ އޮތް ކަންބޮޑުވުމެކެވެ.

މީގެ އިތުރުން، ގުދުރަތީ ރަށެއްގެ ވަށައިގެން އޮންނަ ފުއްޓަރާއި، އާނުގަނޑުތައް ފަދަ، ރަށުގެ ސަލާމަތަށް ހުންނަ ގުދުރަތީ ނިޒާމުތަކަކީ، ހިއްކާ އާޓިފިޝަލް ރަށެއްގައި ހުންނާނެ ކަންތައްތަކެއް ނޫނެވެ. އެ ފަދަ ރަށްތައް މި ހިއްކަނީ ގުދުރަތީ ނިޒާމެއްގެ މަތީ، އެތައް ހެކްޓަރެއްގެ ފަޅާއި ފަރުގެ ދިރުންތައް ނެތިކޮށްލުމަށްފަހުގައެވެ.

ފައިސާގެ ދަހިވެތިކަމުގައި ނައްތައިލެވެނީ އެތައް ގުދުރަތީ ނިޒާމެއް

ތިމާވެއްޓަށް ލޯބިކުރާ އެންމެންގެ ރާގު ވެސް މި ކަމުގައި އެއްގޮތެވެ. ދައްކަނީ އެއް ވާހަކައެކެވެ. އެއީ ބިންތައް ހިއްކައި، ވެއްޓަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ދެނީ ސިޔާސީ މަންފާއާއި މާލީ ފައިދާ ހޯދުމަށް ކަމަށެވެ.

"ތިމާވެއްޓަކީ ފައިސާއިން ގަނެވޭނެ އެެއްޗެއް ނޫން. އަޅުގަނޑުމެންގެ ދިރިއޮތް ވެއްޓަކީ އަޅުގަނޑުމެންނަށް ފައިސާ ލިބުމުގެ އަސާސް. އެހެންވީމާ ފައިސާ ލިބުމުގެ އަސާސް އެއްކޮށް ނައްތައިލީމާ ކުރިއަށް އޮތް ތަނުގައި ކޮން ފައިސާއެއްތޯ ލިބޭނީ ވެސް،" ރާއްޖެއަކީ ގުދުރަތީ ރީތިކަން ވިއްކައިގެން އާމްދަނީ ހޯދާ ގައުމެއްކަން ފާހަގަކުރައްވައި، ހުމޭ ބުންޏެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ކަނޑަށް ވެއްޔާއި ކިސަޑު ފެތުރިފައި -- ފޮޓޯ/ އީޕީއޭ

ނަމަވެސް މި ވަގުތީ މަންފާއަށް ޓަކައި ނައްތައިލަނީ ރާއްޖޭގެ އެންމެ ވަރުގަދަ ގުދުރަތީ ރައްކާތެރިކަމުގެ ނިޒާމެވެ.

"ސުނާމީ އައިސްގެން ރާއްޖެއަށް ސަލާމަތްކަން ލިބުނީ، ރާއްޖޭގެ ފަރު ފަޅުތަކުގެ ނިޒާމުގެ ތެރެއިން. އެހެންވީމާ އެ ނިޒާމު މަރައިލީމާ ރާއްޖެއަށް ގުދުރަތީ ގޮތުން އޮތް ދިފާއު އެ ގެއްލެނީ،" ހުމޭ ބުންޏެވެ.

ހަމައެއާއެކު ތިމާވެއްޓާއި ސޯޝަލް ސައިންސް ދާއިރާގެ އެކްސްޕާޓެއްކަމަށްވާ ޑރ. އިބްރާހިމް މުހައްމަދު މީގެ ކުރިން ދެއްވައިފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި، މުރަކަ އާލާނުވާ ގޮތަށް އެ ފަދަ އާޓިިފިޝަލް ރަށެއް ހިއްކުމަކީ، ކުރުމަށްވުރެ ނުކުރަންޖެހޭ ކަމެކެވެ.

"މުރަކައިން އުފެދޭ ވެލި، މި ވެއްޔަކީ. މުރަކަ ހެދި އާލާނުވާ ގޮތަށް އަހަރުމެން އެ ތަންތަން ނައްތައިލައިފިއްޔާ މި ވެލި އުފެދޭ ނިޒާމު ވެސް އެ ދިޔައީ ގެއްލިގެން،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ކޮންމެ މަޝްރޫއެއް ހިންގުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަންގައިފައިވާ ގޮތަށް އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓު (އީއައިއޭ) ހެދި ނަމަވެސް އެއީ މާ ބޮޑު ބެލުންތަކެއް ބަލައި އެއްޗެއް ނޫންކަމަށް ވެސް މި ދެ ބޭފުޅުން ވެސް ފާހަގަކުރެއެވެ.

ތިމާވެށީގެ އެކްޓިވިސްޓުން ގަބޫލުކުރާ ގޮތުގައި މިއީ ތިމާވެއްޓަށް ލިބޭ ގެއްލުމެއް ވަޒަންކުރުމުގެ ބަދަލުގައި، އެ މަޝްރޫއެއް ހިންގުމަށް ފަހިކުުރަން، ނަމެއްގައި 'ހަމަ ފަހަގައެއް ޖަހައިލަން' ކުރާ ކަމެކެވެ.

މިއީ އެއްވެސް ބަލައިލުމެއްނެތި ދެނެނުގަނެ، 'ބަހައިލައި ކޮންޓްރެކްޓުތަކެއް' ކަމަށް ވެސް އެކްޓިވިސްޓުން ސިފަކުރެއެވެ.

https://sun.mv/186512

ހަމައެއާއެކު ބިމަކީ އެހާ މުހިންމު ވެގެން ހިއްކާ ބިމެއް ނުވަތަ އާޓިފިޝަލް ރަށެއްނަމަ، އެ ތަނެއްގައި އެތައް އަހަރެއް ވެގެންދާއިރު، ބޭނުމެއް ވެސް ހިފައިނުލެވި އޮންނަނީ ކީއްވެތޯ ތިމާވެށީގެ އެކްޓިވިސްޓުން ސުވާލު އުފައްދައެވެ.

ހައްލަކީ ކޮބާ؟

ގުދުރަތީ ކާރިސާއަކުން ކުރާނެ އަސަރު ކުޑަވާނެހެން ތައްޔާރުވުމުގެ ވިސްނުމުގައި ތިމާވެއްޓަށް ފޫނުބެއްދޭވަރުގެ ގެއްލުން ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.

ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ޓެކްނޮލޮޖީ ވެސް މިއަދު ލިބެން އެބަހުއްޓެވެ.

ޑރ. އިބްރާހިމް ހުށަހަޅުއްވާ އެއް ކަމަކީ، ފްލޯޓިން ނިޒާމެއްގެ ތެރެއިން ގެދޮރުވެރިކަމުގެ މަޝްރޫއުތައް ފަޅުތަކުގައި ކުރިއަށް ގެންދިއުމެވެ. މިއީ ރާއްޖެއަށް އާ ކަމެއް ނޫނެވެ. މަޝްރޫއެއް ހަވާލުކޮށްފައިވީ ނަމަވެސް އެއީ އަނދުން އަޅުވައި ކުރިއަށް ނުގޮސް ހުއްޓިފައި އޮންނަތާ 12 އަަަހަރު ވެފައި އޮތް ކަމެކެވެ.

ހުމޭ ބުނާ ގޮތުންނަމަ އޮތް ހައްލަކީ، ރައްޔިތުންނާ ވާހަކަދައްކައިގެން މަގުތައް ހޯދުމެވެ. ނަމަވެސް މަޝްވަރާކުރުމަކީ މާ ބޮޑު ކަމަކަށް ވުމުން، އެ ކަމުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރަނީކަމަށް އޭނާ ދެކޭކަމަށް ބުންޏެވެ.

ކޮންމެ މަސައްކަތެއް ކުރި ނަމަވެސް ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކެއް ހުންނާނެއެވެ.

ނަމަވެސް ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ބިމުގެ ދަތިކަމެވެ. ކަނޑުފަޅުތަކާއި ގުޅިފައިވާ ގުދުރަތީ ރީތިކަމެވެ. އެއާ ގުޅިފައިވާ އިގްތިޞާދެވެ.

މޫސުމީ ކާރިސާތަކާއި، އެކި މަޝްރޫތަކާއެކު އެ ކަނޑުފަޅުގެ ރީތިކަން ގެއްލޭނަމަ، އެއީ ވެސް ކާރިސާއެކެވެ. ގުދުރަތީ ވިލުންތެރިކަން ނެތިދާނަމަ، ދެން ދިމާވާ ކާރިސާއަކުން، ސޭފް އައިލެންޑްތަކުން ރައްކާތެރިކަން ނުލިބި ދިއުމުގެ ބިރު ވެސް އެބައޮތެވެ.

comment ކޮމެންޓް