އާސެނަލުން އެންކެޓިއާ ދޫކޮށްލަން ބޭނުމެއް ނުވޭ!

އާސެނަލްގެ އިނގިރޭސި ފޯވަޑް އެޑީ އެންކެޓިއާ -- ފޮޓޯ/ ގެޓީ

އާސެނަލްގެ އިނގިރޭސި ފޯވަޑް އެޑީ އެންކެޓިއާއަށް ހުށަހެޅުންތަކެއް ލިބިފައިވީ ނަމަވެސް، އެ ކްލަބުން އޭނާ ދޫކޮށްނުލާނެ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ކްލަބަކުން އެންކެޓިއާއަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އޭނާ ދޫކޮށްލުމުގެ ވިސްނުމެއް އާސެނަލުން ނުގެންގުޅެއެވެ. އަދި އާސެނަލުން އޭނާ ލޯނުގެ ދަށުން ދޫކޮށްލަން ވެސް ބޭނުންނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ނޫސްވެރިންނާ ވާހަކަދައްކަމުން އާޓެޓާ ބުނެފައިވަނީ، ފާއިތުވެދިޔަ ދިހަ އަހަރު އެންކެޓިއާގެ ކުޅުމަށް ބަލައިލައިފިނަމަ، އޭނާގެ މަސައްކަތް ފެންނާނެ ކަމަށާއި އޭނާއަށް ބޭނުންވަނީ ފުރުސަތުތަކެއް ކަމަށެވެ. އަދި އެ ފުރުސަތުތައް އެންކެޓިއާއަށް ލިބިއްޖެނަމަ، ގޯލުތައް ޖަހާނެ ކަމަށް އާޓެޓާ ބުނެފައިވެއެވެ.

"އެންކެޓިއާ އަކީ އާސެނަލްގެ މުހިންމު ކުޅުންތެރިއެއް. އޭނާއަށް އިތުރަށް ކުޅުން ރަނގަޅުކުރެވޭނެ. އެންކެޓިއާގެ އެންމެ ރަނގަޅު ކަމަކީ އޭނާގެ ހުނަރު. އެ ހުނަރުތަކާއެކު އޭނާގެ ކުޅުން ވެސް ދާނީ ރަނގަޅުވަމުން،" އާޓެޓާ ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 24 އަހަރުގެ އެންކެޓިއާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ބްރެންޓްފޯޑާއި ކްރިސްޓަލް ޕެލަސް އިންނެވެ.

comment ކޮމެންޓް