އެންމެ މުހިންމީ ޒަމާނީ ތަރައްގީއާ އެއް ފެންވަރަށް ވިސްނުން ތަރައްގީކުރުން: ރައީސް

ރައީސް ޑރ. މުއިއްޒު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލުގެ ބިންގާ އެޅުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަނީ --

އެންމެ މުހިންމީ ޒަމާނީ ތަރައްގީއާ އެއް ފެންވަރަށް ވިސްނުން ތަރައްގީކުރުންކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ އާ ސްކޫލުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ތައުލީމަކީ ހެޔޮ ގޮތުގައި ނުދެވިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ވެސް، މުޅި ގައުމުގެ މުސްތަގުބަލުން ފެންނާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ޒަމާނީ ތަރައްގީއާ އެއްވަރަށް ވިސްނުން ތަރައްގީކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ސިކުނޑިތައް ބިނާކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް މަޝްރޫއު. އިމާރާތްތައް އުސްކޮށް ހެދިދާނެ. ކިތަންމެ އުސްކޮށް ވެސް އިމާރާތް ހެދިދާނެ. އެހެންނަމަވެސް އެ އިމާރާތް ހެދޭ އުސްމިނާ އެއްވަރަށް ސިކުނޑިތައް ތަރައްގީނުކުރެވޭނަމަ ގައުމަކުން ކުރާނެ މާ ބޮޑު ފައިދާއެއްް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ބިނާކުރާ އެންމެ ފުރަތަމަ އިމާރާތަކީ ތައުލީމު ފޯރުކޮށްދޭ އިމާރާތަކަށް ވުމަކީ އުފާކުރައްވާ ކަމެއްކަމަށެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދިނުމުގައި މަސައްކަތްކުރާ ޓީޗަރުން ތަމްރީނުކުރުމަށް ޓަކައި ވެސް މި ސަރުކާރުން މުހިންމު ނިންމެވުންތަކެއް ނިންމަވައިފައިވާކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ޕްރައިމަރީ އަދި ސެކެންޑަރީގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުންނަށް ހެދުމުގެ މަސައްކަތް ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

"އޭގެ ނަތީޖާއަކަށްވާނީ އަޅުގަނޑުމެންގެ ތުއްތު ދިވެހި ސިކުނޑިތައް ދިވެހި ގައުމިއްޔަތުގެ މަތީގައި ބިނާކުރަން ތިބޭނީ ދިވެހި ޓީޗަރުންނޭ،" ރައީސް ވިދާޅުވިއެވެ.

މިއަދު އޮތް މި ހަފުލާގައި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާއި، ދަރިވަރުންނާއި ޓީޗަރުން ވެސް ބައިވެރިވެފައިވެއެވެ.

އާ ސްކޫލެއްގެ މަސައްކަތް ފަށައިފައިވާއިރު، ވަރަށް ފަހުން ދެވަނަ ފިޔަވަހީގައި ޞަލާހުއްދީނުގެ ނަމުގައި އާ ސްކޫލެއް ހުޅުވައިފައި ވެސްވެއެވެ.

comment ކޮމެންޓް