އެތައް މިލިއަނަކުން ހިއްކީމާ، ބިލިއަން ރުފިޔާގެ ގޮނޑަކަށް؟

މާލޭ އިންޑަސްޓްރިއަލް ޒޯނު މިހާރު އޮތްގޮތް. ރަނގަޅު ބޭނުމެއް ނުހިފި މި ތަން އޮތީ ކުނިން ފުރިފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހަފީޒް

އެތައް މިލިއަން ރުފިޔާ ބަޖެޓުކޮށްގެން ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫތައް ހިންގަނީ މަދަކުން ނޫނެވެ. އެއީ ފެނާއި ނަރުދަމާ ގާއިމްކުރުން ފަދައިން އަސާސީ ޚިދުމަތް ގާއިމްކުރުންހެން، ހަމަ ކޮންމެ ރަށެއްގައިހެން ހިންގަން މަޖުބޫރު މަޝްރޫއެކެވެ.

ވޯޓަށް ގާތްވުމުން ވެސް ހަމަ ބިން ހިއްކަނީއެވެ. ދެން ހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން ވެސް ހަމަ ބިން ހިއްކަނީއެވެ. އެކަމަކު މިއިން ބިމެއްގައި ކުރާ ކަމެއް މިއިން ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ފެންނަނީ މަދު ފަހަރެކެވެ.

އެތައް މިލިއަން ރުފިޔާގެ ބިންތައް ކުނި ކުރަނީ ބިލިއަން ރުފިޔާގެ ގޮނޑުތަކަށެވެ.

ރަނގަޅު ބޭނުމެއް ނުހިފޭ

ކޮންމެ ސަރުކާރަކުން ވެސް، އެކި ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާ މައިގަނޑު ސަބަބަކީ އެ ރަށެއްގައި ބިމުގެ ދަތިކަން ބޮޑުވުމެވެ. އެހެންވުމުން ރަށުން ގޯތި ދޫކުރުމަށާއި އެ ނޫން މަސައްކަތްތަކަށް ބިން ނެތުމެވެ.

އެހެންވެ އެ ބިން އުފައްދަން ޖެހެނީ ބިން ހިއްކާށެވެ. މިއީ ރާއްޖެފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމަކަށް ތިމާވެށީގެ ވިސްނުމުން ބަލާނަމަ ބޮޑު ގެއްލުމެކެވެ. މޫދުގައި، ނުވަތަ ފަޅާއި ފަރުގެ ގިނަ ދިރުންތަކެއްގެ މާހައުލު ނެތިކޮށްލަނީ އިންސާނުންގެ މުހުތާދުތަކެއް ފުއްދުމަށެވެ.

ނަމަވެސް މައިގަނޑު ކަންބޮޑުވުމަކީ އެ ބިން ހިއްކުމަށްފަހު އޭގެ ބޭނުން ނުހިފާތީއެވެ.

"މިއޮތީ އަހަރެމެން ރަށުގައި ވެސް ބިން ހިއްކައިފައި. ގޯތި ދޭށޯ ހިއްކީ. އެ ކަމަކު އަދިވެސް އެ ކަމެއް ނުވޭ. އެއް ސަރުކާރުން މި ރަށުގައި ހިއްކި ބިން އަދި މި އޮތީ ބޭނުން ކުރަން ނުފަށާ. އެއޮއްގެން ވާވީ މިހާރު. އެކަމު ހަމަ ނިމުނު ސަރުކާރުން ވެސް ބިން އިތުރުކުރަން ބިން ހިއްކައިފައި އެ ދިޔައީ،" އައްޑޫ ސިޓީގެ ރައްޔިތަކު 'ސަން'އާ ވާހަކަދައްކަމުން ބުންޏެވެ.

މި ފަދަ ގިނަ މަޝްރޫތަކެެއް ހަމަ ހުރީއެވެ. ވެރިރަށް މާލެއިން ވެސް އެެކަމުގެ ސާފު މިސާލެއް ފެނެއެވެ.

އިންޑަސްޓްރިއަލް ޒޯނުގެ ނަމުގައި މާލޭގައި، ފަޅުން ބައެއް ހިއްކައިފައި އޮންނަތާ މިހާރު ގާތްގަނޑަކަށް އަށް އަހަރުވަނީއެވެ. އަހަރަކަށްވުރެ އަހަރެއް އިތުރުވީ އެ ބިމުގެ ގޮނޑުކަމެވެ. އެކަމަކު އެ ތަން ހިއްކީ މާލޭ ތެރޭހުރި ގަރާޖުތަކާއި ވޯކްޝޮޕްތައް އެ ތަނަށް ބަދަލުކުރާ ގޮތަށެވެ. އެ ކަން ވެސް ކުރެވުނީއެއް ނޫނެވެ.

މާލޭ އިންޑަސްޓްރިއަލް ޒޯނު މިހާރު އޮތްގޮތް. ރަނގަޅު ބޭނުމެއް ނުހިފި މި ތަން އޮތީ ކުނިން ފުރިފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހަފީޒް

ސަރުކާރުތައް ބަދަލުވެ އެ ތަނުގެ ޕްލޭންތައް އައީ ބަދަލުވަމުންނެވެ. އެ ތަނަށް ބާރުފޯރުވޭ އިދާރާތައް އައީ ވެސް ބަދަލުވަމުންނެވެ.

މިއީ މާލޭގެ ބިމަކަށްވެ، އަދިވެސް އެންމެ ފައިދާހުރި ގޮތުގައި އެ ބިން ބޭނުންނުކުރެވުމުގެ ކަންބޮޑުވުންތައް މާލޭގެ އެކްޓިން މޭޔަރު އަހްމަދު ނަރީޝް "ސަން"އާ ހިއްސާކުރެއްވިއެވެ.

"އެ ތަން އޮންނަނީ ޕްލޭނިން މިނިސްޓްރީގެ ދަށުގައި. ސިޓީ ކައުންސިލަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. ދެން މި ވަގުތު ބްރިޖު މަޝްރޫއަށް އެ ތަނުގެ ބޮޑުބައި ދީފައި މި އޮތީ،" ވިދާޅުވިއެވެ.

މިއަދު މާލޭ އިންޑަސްޓްރިއަލް ޒޯނަކީ ކުނި ގޮނޑެކެވެ. އެ ތަނުގައި ހުންނަނީ ބާދަނގަށް ކިރަންވެފައި ހުންނަ ތަކެއްޗާއި، އެކި ބާވަތުގެ ކުންޏެވެ. ދެން ހުރީ ކުއްޔަށް ދޫކުރާ ޕާކިން ސްލޮޓުތަކެކެވެ. ތަނުގެ ގޮނޑުކަން އޮތީ އިންތިހާއަށެވެ.
އެންމެ އެކަށީގެންވާ ބޭނުމެއް ހިފިފައެއް ނެތެވެ.

އެތައް ބިލިއަން ރުފިޔާގެ އިސްރާފެއް

ބިމަކީ އޭގެ ޒާތުގައި ގިނަ ދުވަސްވާ ވަރަކަށް އަގުބޮޑުވާ އެއްޗެކެވެ. ހަމައެއާއެކު ބިން ތަރައްގީކޮށް، އެ ތަނުގައި ވަސީލަތްތައް ގާއިމްކުރުމަކީ ވެސް ބިމުގެ އަގު އުފުލޭ ކަމެކެވެ.

ގިނަ ރަށްރަށުގައި ބިން ހިއްކުންފަދަ މަޝްރޫތައް ފަށާއިރު، އެ ބިމެއް ތަރައްގީކޮށް، އެ ބިމަކުން އާމްދަނީ ހޯދާނެ ހަރުދަނާ ޕްލޭނެއް ގާއިމްކުރެވިފައި ނެތުމަކީ ދިމާވެފައިވާ އެއް ގޮންޖެހުމެވެ. އެހެންވުމުން ހިއްކައިފައި ހުންނަ ބިންތަކާއި، ހުސް ބިންތައް ދޫވަނީ ކުނިކުރާށެވެ.

ފުށިދިއްގަރު ފަޅު ހިއްކަން ފެށުން -- ފޮޓޯ/ ރައީސް އޮފީސް

"މި ރަށުގައި ވެސް މި ހުރީ ހުސް ބިންތައް ބައިވަރު. ހަމަ ބަނދަރު ކުރިމަތީގައި ވެސް ކެފޭތައް ހަދައި، ވިޔަފާރިކުރެވޭ ފިހާރަތައް ހަދައި، އެ ކަހަލަ ކަންކަން ކުރަންވީ ދޯ. އެކަމު ކައުންސިލުން އެ ކަން ކުރާނެ ބަޔަކު ނެތީ،" ހުސް ބިންތައް ގިނަ، ތ. ވިލުފުށީ ރައްޔިތަކު ކިޔައިދިނެވެ.

ބިންތައް ހިއްކައިގެން، ނުވަތަ އެ ނޫން މަޝްރޫއެއް ހިންގައިގެން ވެސް، ދައުލަތަށް އާމްދަނީ ނުލިބޭނަމަ އޭގެން އޮތް ފައިދާއަކާމެދު ސުވާލު އުފައްދަން ޖެހެއެވެ.

މި ކަމުގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ދ. މީދޫ ދާއިރާގެ މެމްބަރު، އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު މީގެ ކުރިން ވަނީ ސަރުކާރުތަކުން ދައުލަތުގެ ބަޖެޓު ޚަރަދުކުރަމުން އައި ގޮތާމެދު ސުވާލު އުފައްދަވައިފައެވެ.

އެގޮތުން އެ މަނިކުފާނު ވެސް ވިދާޅުވި ގޮތުގައި ފާއިތުވި ސަރުކާރުތަކުން ރަށްރަށުގައި ހިންގި ބިން ހިއްކުން ފަދަަ ބޮޑެތި މަޝްރޫތައް ނިންމި ނަމަވެސް، އަދިވެސް ހުރީ އޭގެ ބޭނުން އެންމެ ރަނގަޅަށް ނުހިފައެވެ. އެއީ ކިތަންމެ އަގުހުރި އެއްޗެއް ނަމަވެސް އޭގެ އަގު އޮތީ ނުނެރެވިއެވެ.

"...ރަންގަނޑެއް ވެސް ނުވަތަ ހިލަގަނޑެއް ވެސް ވަޅުލައިފައި ބޭއްވިއްޔާ ވާނީ އެއްވަރޭ. އެހެންވީމާ އަޅުގަނޑުމެން މި ހިއްކި ބިންތަކުގައި އަޅުގަނޑުމެން މި ތިބީ ވަޅުލެވިފައި. އޭގެން ކުރެވޭނެ އެއްވެސް ފައިދާއެއް ނެތް. އޭގެން ރައްޔިތަކަށް ވާނެ ފައިދާއެއް ނެތް،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އެ ފަދަ މަޝްރޫތަކަށް ސަރުކާރުން ކުރާ ހޭދައިން ސަރުކާރަށާއި ރައްޔިތުންނަށް ފައިދާ ހޯދުން މުހިންމު ކަމަށެވެ. އެހެން ނޫންނަމަ އެއީ ރައްޔިތުންނަށް ދެވޭ ބޮޑު 'އަނިޔާއެއް'ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ފޭދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ/ ޓުވީޓާ

އެއާއެކު އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުން ފައިދާ ނުލިބޭކަމަށްވާނަަމަ ދައުލަތުގެ ދަރަނި ވާނީ އިތުރުކަމަށެވެ. އަދި ލިބޭ އާމްދަނީއާއި ކުރާ ޚަރަދު ދެކޮޅުނުޖެހި ފަގީރުވުމުގެ ފުރުސަތު ބޮޑުކަމަށް ސިޔާމް ވިދާޅުވިއެވެ.

"އެހެންވީމާ ހަގީގަތުގައި ދަންނަވަނީނަމަ އަޅުގަނޑުމެން ކުރާ މަސައްކަތުގައި ފައިދާ ހޯދޭނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ. ދިވެހި ދައުލަތަކީ ވިޔަފާރި ކުރާ ތަނެއް. ދިވެހި ދައުލަތަކީ، ދިވެހި ސަރުކާރަކީ އެންމެ ބޮޑު ކުންފުނި،" ސިޔާމް ވިދާޅުވިއެވެ.

މިއީ ފައިދާ ހޯދުމުގެ ވިސްނުމުގައިނަމަ ކޮންމެހެން ވެސް ދައްކަންޖެހޭ ވާހަކައެކެވެ.

ޚާއްސަކޮށް ބިން ހިއްކުމުގެ މަޝްރޫތައް އިންތިހާއަށް އިތުރުވެ، ބަޖެޓުކުރަމުން އަންނައިރު، ހަމަ އެ ފޯރިއާއެކު ބިންތައް ތަރައްގީކުރުމުގެ އިންވެސްޓުމަންތުތައް ހޯދަންޖެހެއެވެ. ރައްޔިތުންނަށް ފައިދާވާނެހެން މަޝްރޫއުތައް ބައްޓަންކުރަން ޖެހެއެވެ. ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަންދޭންޖެހެއެވެ.

އެ ތަންތަން ހިއްކަނީ ވާކުރާކަށް ނޫނެވެ. ގިނަ ދުވަހުން އަގުމަތި ކުރެވެން ހުރި ބިންތައް، ބިލިއަން ރުފިޔާއަށް އަގު އަރައި ގޮނޑުތަކަކަށް ބަދަލުކުރާކަށް ނޫނެވެ.

comment ކޮމެންޓް