ލިވަޕޫލާއި އާސެނަލްގެ ކުރިމަތިލުން އެއްވަރު

މެޗުގައި އާސެނަލާއި އެއްވަރު ކުރި ލަނޑު ލިވަޕޫލަށް ސަލާހް ޖަހާދިނުމަށްފަހު އުފާފާޅު ކުރަނީ -- ފޮޓޯ/ ޓީއެންޓީ ސްޕޯޓްސް

އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ތާވަލުގެ އެންމެ ކުރީގައި ކުޅޭ ދެ ޓީމު، ލިވަޕޫލާއި އާސެނަލްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ.

މެޗުގެ ފެށުން ރަނގަޅު ކުރީ އާސެނަލުންނެވެ. އެ ޓީމުން ވަނީ މެޗުގެ ހަތަރުވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިފެންޑާ ގެބްރިއެލްއެވެ. މި ލަނޑާ އެކު މެޗުގެ ފޯރި އިތުރަށް ގަދަވެ ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތް އިތުރު ކުރިތަން ފެނިގެންދިޔައެވެ.

ލިވަޕޫލުން ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 29 ވަނަ މިނެޓްގައި މުހަންމަދު ސަލާހް ޖަހައިދިން ލަނޑަކުންނެވެ.

މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. ހާއްސަކޮށް ލުވަޕޫލަށް ލިބުނު ބައެއް ފުރުސަތުތައް ފާހަގަ ވެގެންދިޔައެވެ. އަދި، އާސެނަލް ވެސް ފެނިގެންދިޔައީ ކުރިއަށް އަރައި ކޮންމެ ފަހަރަކު ވެސް ލިވަޕޫލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާ އެކު ހިތްވަރު ލިބިގެންދާ ކަމަށެވެ. ލިވަޕޫލުން އެންމެ ފަހުން ޗެމްޕިއަން މެންޗެސްޓާ ސިޓީ މެޗުގައި ވެސް ކުޅުނީކީ ދަށް ކުޅުމެއް ނޫން ކަމަށާއި ނަމަވެސް އެއަށްވުރެ ވެސް މި މެޗުގެ ކުޅުން ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ބުނީ، މިއީ މި ފަހުން އޭނާއަށް އެންމެ ނޭވާ ހިފަހައްޓާލައިގެން ހުންނަން ޖެހުނު އެއް މެޗު ކަމަށެވެ. މެޗުގައި އޭނާގެ ޓީ މުވެސް ރަނގަޅަށް ކުޅުނު ކަމަށާއި ނަމަވެސް މެޗު އެއްވަރުވުން އެއީ ރަނގަޅު ނަތީޖާއެއް ކަމަށް ކޯޗު ބުންޏެވެ.

މެޗު އެއްވަރު ވުމުން ދެޓީމު ތާވަލުގައި އޮތް މަގާމަކަށް ބަދަލެއް ނާދެއެވެ. މިގޮތުން 40 ޕޮއިންޓާ އެކު އެއްވަނައިގައި އާސެނަލް އުޅޭއިރު 39 ޕޮއިންޓާ އެކު ދެވަނައިގައި އުޅެނީ ލިވަޕޫލެވެ.

comment ކޮމެންޓް