ޝާހުގެ ފިލްމު ފަހަތަށް ޖައްސާލުމަށް ފަހު ޕްރަބާސްގެ ފިލްމު ކުރީގައި

އެކްޓަރު ޝާހްރުކް ޚާން އަދި ޕްރަބާސް-- ފޮޓޯ/ ޓެލެގްރާފް އިންޑިއާ

މި މަހު އެންމެ ވާދަވެރިކޮށް ސިނަމާގައި އެޅުވި ދެ ފިލްމުގެ ތެރެއިން ބޮލީވުޑްގެ އެކްޓަރު ޝާހްރުކްގެ ފިލްމު "ދުންކީ" ފަހަތަށް ޖައްސާލުމަށް ފަހު އެކްޓަރު ޕްރަބާސްގެ ފިލްމު ކުރި ހޯދައިފިއެވެ.

މި އަހަރު މިހާތަނަށް ސިނަމާގައި ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެކަނި 95 ކްރޯޑް ރުޕީސް ހަމަ އެކަނި އިންޑިއާއިން ފިލްމު "ސަލާރު"އަށް ލިބުމާ އެކު މި ފިލްމުގެ އަޑު ބޮކްސް އޮފީހުގައި ވަނީ ގަދަކޮށްފައެވެ.

ޝާހްރުކް ޚާންގެ ފިލްމު "ޖަވާން"އަކީ ކުރިން އެންމެ ގިނަ އޯޕަނިންގެ ރެކޯޑު އޮތް ފިލްމަށްވީ ނަމަވެސް ފިލްމު "ބާހޫބަލީ"ގެ އެކްޓަރު ޕްރަބާސްގެ އެނބުރި އައުން ވަރަށް ވަރުގަދަ ކޮށްފިކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމަށް ފުރަތަމަ ދުވަހު ލިބުނު އަދަދުގެ ޖުމްލަ އަދި ބޮޑު ތަނުން އިތުރުވާނެ ކަމަށާއި ހަފުތާއެއް ވާއިރު ފިލްމު 1000 ކްރޯޑު ކްލަބަށް ވަންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި މަހުގެ 22ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ޝާހުގެ ފިލްމު "ދުންކީ"އަށް ޑޮމެސްޓިކް ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު ލިބިފައި ވަނީ ޖުމްލަ 49.20 ކްރޯޑު ރުޕީސްއެވެ. ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީއާ އެކު ޝާހު ފުރަތަމަ މަސައްކަތް ކުރި މި ފިލްމަކީ، ހިޖުރަކުރުމާ ގުޅޭގޮތުން އުފައްދާފައިވާ ހެއްވާ މަޖާ ޙާދިސާތަކެއް އެކުލެވޭ ފިލްމެކެވެ.

އެކްޓަރު ޕްރަބާސް އަދި ފިލްމު "ސަލާރު"ގެ ޑައިރެކްޓަރު ޕްރަޝާންތު-- ފޮޓޯ/ އިންޓަނެޓް

އިއްޔެ ސިނަމާތަކުގައި އެޅުވި ފިލްމު "ސަލާރު"އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީ އެއް ހޯދި ސިލްސިލާ ފިލްމު "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ އުފެއްދުމެކެވެ. މި ފިލްމުގައި ސައުތު އެކްޓަރު ޕްރަބާސް ލީޑު ރޯލު ކުޅެފައިވާއިރު ބަތަލާ ޝްރޫތީ ހަސަންގެ އިތުރުން ސައުތު އެކްޓަރު ޕްރިތްވީރާޖް ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ފެނެއެވެ.

comment ކޮމެންޓް