ފެތުރެމުންދާ ފައިލޭރިއާއިން ރައްކާތެރިވާނީ ކިހިނެއް؟

ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ފައި-- ފޮޓޯ/ އިންޓަނެޓު

މީގެ ކުރިން ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ "ފައިލޭރިއާ" ނުވަތަ ދިވެހިން ކިޔާ ގޮތުން ނަމަ "ފައިފަލަ ބަލި" އަނެއްކާވެސް ރާއްޖެއިން މިވަނީ ފެނިފައެވެ. މި ބަލިން ރައްކާތެރިވާނެ ގޮތާއި ބަލި ފެތުރެނީ ކިހިނެއްކަން ދެނެގަނެ، އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 26އަށް އަރައިފައެވެ. ނަމަވެސް އޭގެ ތެރޭގައި ދިވެއްސަކު ނުހިމެނޭ ކަމަށާއި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ހުސް ބިދޭސީން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެއީ ކުޅުދުއްފުށިން 25 މީހަކާއި ހުޅުމާލެއިން އެކަކެވެ.

ޑރ. އަބްދުލް އަޒީޒް ހަމީދުގެ ބްލޮގްގައި ފައިލޭރިއާއާ ބެހޭގޮތުން ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި ލިޔުއްވާފައެވެ.

އެ ބްލޮގްގައިވާ ގޮތުން، ފައިލޭރިޔާ ޖެހެނީ ''ވޫކެރީރިއާ ބެންކްރޮފްޓީ" ކިޔާ ފަންޏެއްގެ ސަބަބުންނެވެ. ފައިލޭރިއާ ފެތުރެނީ "ކިއުލެކްސް ޕައިޕިއެންސް" ކިޔާ ބާވަތެއްގެ މަދިރިއެއް އިންސާނާގެ ހަށިގަނޑުގައި ހެފުމުންނެވެ.

ފައިލޭރިއާއިން ރައްކާތެރިވާނީ ކިހިނެއް؟

ފައިލޭރިއާއަކީ މަދިރިން ފެތުރޭ ބައްޔަކަށް ވުމުން އެންމެ މުހިންމު އެއް ކަމަކީ މަދިރި ކޮންޓްރޯލް ކުރުމެވެ. މަދިރި ކޮންޓްރޯލް ކުރަން ކުރެވިދާނެ ބައެއް ކަންތައްތަކަކީ:

  • ފަތާ ފެންގަނޑު ފަދަ ތަންތަނުގެ ފެން ބަދަލުކުރުން
  • ވަޅު ދިޔަ ހިއްކައި ވަޅު ސާފުކުރުން
  • ވަޅަށް ކްލޮރިން އެޅުން
  • ވަޅަށް ބޭންގު، ގުރުވަ، އަދި ކައްޓަފުޅި ފަދަ މަސްލުން
  • ފެން ހިފެހެއްޓޭގޮތަށް ކޮނެފައި ހުންނަ ވަޅުގަނޑުތައް ފަސް އަޅައި ބެއްދުން
  • މެލެރިއޯލް ނުވަތަ ޕެރިސް ގްރީން ފަދަ ކެމިކަލްތައް ސްޕްރޭކުރުން
  • ބިސްއަޅާ ފެންގަނޑަށް ކަރާސީނު ތެޔޮއެޅުން
  • ގޯތި ތެރޭގައި ފުޅި ދަޅު ފަދަ ތަކެއްޗަށް ފެން އެޅޭނެހެން ނުބެހެއްޓުން
  • ފެނުގައި ގަސް ހައްދާފައި ހުންނަ މުށި ފުޅި ފަދަ ތަކެތިން ހަފުތާއަކު އެއްފަހަރު ފެން ބަދަލުކުރުން
  • ފެން ހިފެހެއްޓޭނެ ގޮތަށް ދައުރުނުވާނެހެން ނުބެހެއްޓުން
  • މީހުން އުޅޭ އިމާރާތްތަކާއި ތަންތަނުގެ ދޮރުތަކުގައި މަދިރި ނަރުދާ ހަރުކުރުން
  • ޕައިރެތުރަމް، ގަމެކްޒޭން އަދި ކާބަމޭޓް ފަދަ، ފަނިފަކުސަ ފަނާކުރުވަނިވި ކެމިކަލްތައް މަދިރި ގިނަހެން ހީވާ ހިސާބުތަކަށް ސްޕްރޭ ކުރުން
  • ސިޓްރޮނެއްލާ ތެޔޮ ފަދަ މަދިރިއަށް ނުގުޅޭ މާއްދާތައް ހަންގަނޑުގައި އުގުޅުން

ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ފައި-- ފޮޓޯ/ އިންޓަނެޓު

ފައިލޭރިއާގެ ފަރުވާ

ޑރ. އަޒީޒް ވިދާޅުވެފައިވާ ގޮތުގައި ފައިލޭރިޔާއަށް ފަރުވާ ކުރުމަށް ބޭސް ދުވާލަކު އެއް ފަހަރު ދެ ހަފުތާގެ މުއްދަތަށް ދޭންޖެހެއެވެ. އަދި ބޭސް ގަވާއިދުން އަހަރަކު ދެފަހަރު ނުވަތަ އެއް ފަހަރު ދިނުން ރަނގަޅެވެ. އެއީ ބަލިން ރައްކާތެރިވެ ތިބުމުގެ ގޮތުންނެވެ.

ފައިލޭރިޔާގެ ފަރުވާގެ ގޮތުގައި އާއްމުކޮށް ބޭނުންކުރެވޭ ބޭސްތައް:

  • ޑައިއީތައިލްކާބަމެޒިން
  • އިވެމެކްޓިން
  • މިބެންޑަޒޯލް
  • އެލްބެންޑަޒޯލް

މިބޭހުގެ ސަބަބުން ލެއިން "މައިކްރޯފައިލޭރިއާ"ތައް ސާފުކޮށްދީ، ބޮޑެތި ފަނިތައް މަރާލަދެއެވެ.

ބަލި ދެނެގަންނާނީ ކިހިނެއް؟

ޑރ. އަޒީޒުގެ ބްލޮގްގައިވާ ގޮތުން، ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، އޭގެ އަލާމާތްތައް ފެނުމަށް ގާތްގަނޑަކަށް 12-8 މަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

އެއަށްފަހު ލިމްފް ހޮޅިތަކުގައި އިންފްލެމޭޝަން އުފެދެއެވެ. އާންމު ގޮތެއްގައި އިންފްލެމޭޝަން އުފެދެނީ ފަޔާއި، ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ލިމްފް ހޮޅިތަކުގައެވެ. އެއާއެކު އެފަދަ ތަންތަނުގައި ގޮށްލައެވެ.

ދެން އެއަށްފަހު އަންނާނީ ފައިލޭރިއާ ހުމެވެ. ހުންއަންނަ އިރު ހީކެރުވުން، ބޮލުގައި ރިހުން، ހޮނޑުލެވުން، އަދި ހިތް ނުތަނަވަސް ވުން ފަދަ އުދަގޫތައް މެދުވެރިވެއެވެ.

ޑރ. އަޒީޒް ވިދާޅުވެފައިވާ ގޮތުގައި ފައިލޭރިއާ އެންމެ އާންމުކޮށް ފެންނަނީ އޭޝިއާ، އެފްރިކާ އަދި ދެކުނު އެމެރިކާގެ ހޫނު ގައުމުތަކުގައިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މިއަހަރުގެ ޖޫން މަހު އާއްމުކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް 51 މިލިއަން މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. ނަމަވެސް 2000 ވަނަ އަހަރު ޑަބްލިއުއެޗްއޯއިން ފަށާފައިވާ "ގްލޯބަލް ޕްރޮގްރާމް ޓު އެލިމިނޭޓް ލިމްފެޓިކް ފައިލޭރިއާސިސް" ފެށުނު ފަހުން ބަލި ފެތުރޭ މިންވަރު 74 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

comment ކޮމެންޓް