ދުނިޔޭގެ މޮޅު ސެންޓަ ބެކަށް ޗުއަމެނީ ވެދާނެ: އެންޗެލޮޓީ

ރެއާލް މެޑްރިޑުގެ ފްރާންސް މިޑްފީލްޑަރު އޯރެލިއެން ޗުއަމެނީ -- ފޮޓޯ/ ގެޓީ

ފްރާންސް މިޑްފީލްޑަރު އޯރެލިއެން ޗުއަމެނީއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ސެންޓަ ބެކަށްވުމަކީ އެކަށީގެންވާކަމެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ސްޕެނިޝް ލަލީގާގައި އިއްޔެ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލުން ވަނީ 1-0ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އެ މެޗުގެ 54ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު ނާޗޯއަށް ރަތް ކާޑު ދެއްކުމުން، އެ މަގާމަށް ކުޅެމުން ދިޔައީ ޗުއަމެނީއެވެ. އެ މެޗު ނިމެނިކޮށް، ރެއާލުގެ ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކޭޒްއެވެ.

އިއްޔެގެ މެޗުގައި ސެންޓަ ބެކްގެ މަގާމަށް ޗުއަމެނީ ކުޅުވާފައިވާއިރު، ކޯޗު އެންޗެލޮޓީ މީގެ ކުރިން ވެސް ތަފާތު މަގާމުތަކަށް ކުޅުންތެރިން ބޭނުންކޮށްފައިވެއެވެ.

އެގޮތުން މީގެ ކުރިން ފުލް ބެކްގެ މަގާމަށް ފްރާންސް މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ ވަނީ ބޭނުންކޮށްފައެވެ. އިއްޔެގެ މެޗުގައި ޗުއަމެނީ ދެއްކި ކުޅުމަށް އެންޗެލޮޓީ ވަނީ ތައުރީފު ވެސް ކޮށްފައެވެ.

"މި ވާހަކަ ބުނުމުން ވެސް ޗުއަމެނީ ރުޅި އަންނާނެ. އެކަމަކު އޭނާއަކީ ވަރަށް ރަނގަޅަށް ސެންޓްރަލް ޑިފެންޑަރަކަށް ވެސް ކުޅޭ ކުޅުންތެރިއެއް. މިޑްފީލްޑަރެއްގެ އިތުރުން ޑިފެންޑަރެއްގެ ގޮތުގައި ކުޅުމަކީ ވެސް ލިބޭ ނަސީބެއް. ދުނިޔޭގެ އެންމެ މޮޅު ސެންޓަ ބެކަށް ވުމުގެ ހުރިހާ ފެންވަރެއް ޗުއަމެނީގެ ގައިގައި އެބަހުރި،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އެންޗެލޮޓީ ބުންޏެވެ.

ރެއާލްގެ ސެންޓަ ބެކްގެ މަގާމުން އާންމުކޮށް ފެންނަ ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ އެޑާ މިލިޓާއޯ އާއި ޑޭވިޑް އަލަބާ މިވަގުތު ހުރީ އަނިޔާގައެވެ.

އެހެންކަމުން އެ ކުޅުންތެރިން އެނބުރި ކުޅުމަށް އަންނަންދެން، އެންޓޯނިއޯ ރުޑިގާއާއެކު ސެންޓަ ބެކްގެ މަގާމަށް ޗުއަމެނީ ބޭނުންކޮށްފާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް