ދެވަނަ ޑިވިޝަން އަންގާރަ ދުވަހު ފަށަނީ، ދެ ޓީމަކަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނެ

އެފްއޭއެމް ދެވަނަ ޑިވިޝަންގެ މެޗެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް އަންނަ އަންގާރަ ދުވަހު ފަށަން ނިންމައި، މުބާރާތުގެ ގުރު ނަގައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި މިފަހަރު 15 ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލައިފައެވެ.

އެފްއޭއެމުން ނިންމާފައިވަނީ އެހެން އަހަރުތަކެކޭ ހިލާފަށް ދެވަނަ ޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރަޕަށް އިތުރު ކޮލިފައިން ބުރެއް ކުޅުމެއް ނެތި ފުރަތަމަ ޑިވިޝަނަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް މި ފަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓުވާނެ ޓީމުތަކުގެ އަދަދެއް އެފްއޭއެމުން ހާމަކޮށްފައެއް ނުވެއެވެ.

ކްލަބުތަކުގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން ބައެއް ކްލަބުތައް ވާދަކޮށްފައެއް ނުވެއެވެ. އެފްއޭއެމްގެ މާލީ ހާލަތު ވެސް ދަށްވުމާ އެކު އެފްއޭއެމުން މިފަހަރުގެ ލީގު ނިންމާލީ ދެ ބުރެއް ކުޅުމަށްފަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ލީގުން ދެވަނަ ޑިވިޝަނުން ޕްރޮމޯޓުވާ ދެ ޓީމާއެކު ޖުމްލަ ދިހަ ޓީމު ފެނިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު 3:50 ކުޅޭ މެޗުގައި ބައްދަލުކުރާނީ މަސްއޮޑި ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. މިފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ ތާރީހީ ދެ ކްލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ވާދަކުރާނެއެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.

comment ކޮމެންޓް